Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ގްރޭޓާމާލެ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފަށައިފި

ގްރޭޓާމާލެ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ އިންޓަކަނެކްޝަން ގްރިޑާއި ހުޅުލޭގެ ގްރިޑް ގުޅާލާފައިވަނީ ހުކުރު ދުވަހުގެރޭ ކަމަށެވެ.

މިއާއެކު އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓުދޭން ފެށިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ހުޅުލޭގެ ގްރިޑާއި ސްޓެލްކޯގެ ކަރަންޓުގެ ގްރިޑް ގުޅާލާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެކު ހުޅުލެއަށް ކަރަންޓު ފޯރުވައިދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަކީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓާފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.