Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ރާއްޖޭގައި ގިސާސް ހިފަން ކެރޭނެ ސަރުކާރެއް އުފައްދާނަން: އުމަރު

ރާއްޖޭގައި ގިސާސް ހިފަން ކެރޭނެ ސަރުކާރެއް އުފައްދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއަކީ، ރާއްޖޭގައި ގިސާސް ހިފުމަށްޓަކައި އެކަމުގެ ތައްޔާރީތައް ކުރުމަށް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ އަމުރު ކުރިތާ އަށް އަހަރު ފުރުނު ދުވަސް ކަމަށެވެ.

އެގޮތުން ފުރާނައެއް ދުއްވާލާ މީހާ ގިސާސް ނުހިފާ ޖަލަށް ލުމަކީ ދައުލަތަށް ލިބިގެންވާ ހައްގެއް ނޫން ކަމަށާއި އެއީ މަރުވިމީހާގެ އާއިލާގެ ހައްގެއް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިއީ އަދުލުވެރިކަން ގާއިމު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ތަންފީޒު ކޮށްދޭން ޖެހޭ ހުކުމެއް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖޭގައި ގިސާސް ހިފަންކެރޭނެ ސަރުކާރެއް އުފައްދާނަން. ގިސާސް އަކީ އެކަމުގައި ދިރުމެއްވާ ކަމެއް" އުމަރު ވިދާޅުވި އެވެ.

އުމަރު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަށް ވުރެ ކުރިން އިސްކަންދޭނީ މިނިވަން އަދުލު އިންސާފުގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މީގެކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ސަރުކާރުން މަރުގެ އަދަބާގުޅޭ ސިޔާސަތަކީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި ބިންވަޅު ނެގިފައިވާ ގޮތް ކަމަށް އެ އޮފީހުން ބުނެ އެވެ.

"އެހެން ނަމަވެސް، ރާއްޖޭގައި މަރުގެ އަދަބު ތަންފީޛުކުރަން ފެށުމަށްވުރެ ކުރިން ރާއްޖެއިން ފުރަތަމަ އިސްކަންދޭނީ، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ޢަދުލު އިންޞާފުގެ ނިޒާމެއް ޤާއިމްކުރުމަށް" އޭޖީ އޮފީހުން ބުނެފައިވެއެވެ.