Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

އެމްޓީސީސީގެ ތާރީހުގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ މިދިޔަ އަހަރު ހޯދައިފި

އެމްޓީސީސީގެ ތާރީހުގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ މިދިޔަ އަހަރު ހޯދައިފިއެވެ.

އެކުންފުނީގެ މިދިޔަ އަހަރުގެ ހަތަރު ކުއާޓަރގެ މާލީ ނަތީޖާ އާންމުކޮށްފައިވާއިރު، 2021 ވަނަ އަހަރުގެ ޖުމްލަ މާލީ ނަތީޖާ ދައްކާގޮތުން، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 264 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތަފްސީލަށް ބަލާލާއިރު، ހަތަރުވަނަ ކުއާޓާރގައި ޖުމުލަ 625.70 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 66.51 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ރިކޯޑް ކޮށްފައިވެއެވެ. 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރ ގައި ހިންގުމުގެ ފައިދާގެ ގޮތުގައި ރިކޯޑް ކޮށްފައިވަނީ 98.77 މިލިއަން ރުފިޔާއެވެ.

އަދި 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 1.96 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 264.45 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓާރގައި ރިކޯޑް ކުރެވިފައިވާ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 52.27 މިލިއަން ރުފިޔާގެ ސާފު ފައިދާ، 2020 ވަނަ އަހަރުގެ މިމުއްދަތުގެ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 80.94 މިލިއަން ރުފިޔާގެ ސާފު ފައިދާ އާއިއަޅާ ބަލާއިރު ދައްކަމުގައި ވިޔަސް މުޅި 2021 ވަނައަހަރުގެ ޖުމްލަ ނަތީޖާއަކީ އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚްގައި މާލީ އަހަރެއްގައި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރުކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

2021 ވަނައަހަރުގެ ހަތަރުވަނަ ކުއާޓާރގައި، އެކި މަރުހަލާގައި ޖުމުލަ 103 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީން ކުރަމުން ގޮސްފައިވެއެވެ. އަދި މި ކުއާރޓަރގެ ތެރޭގައި 10 މަޝްރޫއެއްގެ މަސައްކަތްތަނީ ނިންމާލެވިފައިވާއިރު 8 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ފެށި، 18 މަޝްރޫއެއްގެ މަސައްކަތް ހަވާލުކުރެވިފައިވެއެވެ.