Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

9 ރަށެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ބީއެމްއެލްއިން ހަދިޔާ ކޮށްފި

ރާއްޖޭގެ ނުވަ ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހަދިޔާކޮށްފިއެވެ.

ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 330 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ބޭންކުން މައުލޫމާތުދެއެވެ. މިތަކެތި ބޭންކުން ހަދިޔާ ކޮށްފައިވަނީ 'އިންޓަރނޭޝަނަލް ޑޭ އޮފް އެޑިޔުކޭޝަން' ފާހަގަ ކުރަމުންދާ ދުވަހުގައެވެ.

ތަކެތި ހަދިޔާ ކުރެވުނު ސްކޫލްތަކަކީ ށ. ފުނަދޫ ސްކޫލު، މޭނާ ސްކޫލް ނ. ހޮޅުދޫ، މަދްރަސަތުލް އިފްތިތާޙް ޅ. ނައިފަރު، ކ. ގުރައިދޫ ސްކޫލް، އއ. އުކުޅަސް ސްކޫލް، އދ. އަތޮޅު ތަޢުލީމީ މަރުކަޒު އދ. މަހިބަދޫ، އިހައްދޫ ސްކޫލް ލ.ގަން، ގއ. އަތޮޅު ސްކޫލް ގއ. ކޮލަމާފުށި އަދި ގދ. މަޑަވެލި ސްކޫލެވެ.

މިވޭތުވެދިޔަ ދެއަހަރު ތެރޭ ބީއެމްއެލްއިން ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.