Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

އދގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދު ބަހްރައިނަށް ވަޑައިގެންފި

އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބަހްރައިނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާއި ބައްދަލުކުރައްވައި، އެކި ދާއިރާތަކުން އދ އާއި ބަޙްރައިންއާ ދެމެދު ގުޅުން ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މަނާމާގައި ޤާއިމްވެފައިވާ އދގެ އޮފީސްތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ބަޙްރައިންގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ މުހައްމަދު ޒަރްޤާނީ އާއެކު މަޝްވަރާކުރެއްވިއެވެ.

މި ދަތުރުފުޅުގައި ޝާހިދު ވަނީ ބަހްރައިންގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް އަދި ސުޕްރީމް ކައުންސިލް ފޮރ އެންވާރަމަންޓްގެ ޗީފް އެގްޒެކެޓިވް ޑރ. މުހައްމަދު ބިން މުބާރާކް ބިން ދާއިނާ އާވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި، ކޮޕް 26 ގެ ނިންމުންތަކާއި އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ރައްކާތެރިކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.