Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ރިލްވާން މައްސަލައިގައި މަރު ކޮމިޝަނުން ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ސުވާލުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ -- ފޮޓޯ / އައްޑޫލައިވް

ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލާގައި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ސުވާލު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަނުން އަބްދުﷲ ދީދީއާ ސުވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި މެލޭޝިއާއަށް ގޮސްއެވެ.

މިކަމުގައި މަރުކޮމިޝަންގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ. އެހެންނަމަވެސް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އަދި ކޮމިޝަންގެ ޓީމެއް މެލޭޝިއާއަށް ގޮސް އަބްދުﷲ ދީދީއާ ސުވާލުކުރުމަށްފަހު އެނބުރި ރާއްޖެ އައިސްފައިވަނީ މިމަހުގެ ތެރޭގައެވެ.

ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއަކީ ރިލްވާން ވަގަށްނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމުގެ އަމުރު ނެރުނު ގާޟީއެވެ. އޭރު އަބްދުﷲ ދީދީ ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޟީގެ މަގާމުގައެވެ.

ރިލްވާން މައްސަލައާ ގުޅިގެން އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބެލި!

ރިލްވާންގެ މައްސަލައިގައި ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނު އިރު އެމައްސަލަތައް ޖޭއެސްސީންވެސް ބަލާފައިވެއެވެ. ޖޭއެސްސީން އެ މައްސަލަތައް ބަލަންފެށީ ފުލުހުން ޖޭއެސްސީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

"މާފަންނު ޝައިނިންގ ސްޓާރ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ތަހުޤީޤަށް ފުލުހުން ހައްޔަރުކޮށްފަހުރި ސ ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުވެއިދާއި، ސ.މީދޫ އަބްދުﷲ ހައިޝަމް ބަންދުން ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަން މާލޭގެ ކުށުގެ މާހައުލުގައި އުޅޭކަމަށް ފާހަގަކުރެވިފައިވާ މީހަކު ސަސްޕެކްޓް 1 އާ މުއާމަލާތް ކުރަމުން އައިއިރު އެ ދެމީހުންގެ މައުލޫމާތު ސަސްޕެކްޓް 1، ފަނޑިޔާރު އަބްދުﷲ ދީދީއަށް ޓެކްސްޓް މެސެޖުކޮށްފައި ވަނިކޮށް އެދެމީހުންގެ ތެރެއިން ސ ހުޅުދޫ އަތިރީއާގެ މުހައްމަދު ސުއައިދު އެވަގުތު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ ބަންދުން ދޫކޮށްލާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީކަން ފާހަގަކުރެވިފައިވޭ،" ފުލުހުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މީގެއިތުރުން އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައިވެސް ދީދީގެ ސުލޫކީ މައްސަލަ ބެލިއެވެ. އަދި އެ މައްސަލަތައް ބަލަނިކޮށް ބޭސްފަރުވާއަށް ކަމަށްބުނެ ރާްއްޖެއިން ބޭރަށް ދިޔަފަހުން އެނބުރި ރާއްޖެ ވަޑައިގެންފައެއްނުވެއެވެ. ދީދީގެ ސުލޫކީ މައްސަލަތައް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުން ދީދީ މަގާމުން ދުރުކޮށްފައިވެއެވެ.

ބޯ ބުރިކުރުމަށްފަހު ރިލްވާން ވަނީ ކަނޑުފައްތާފައި: ޑްރާފްޓް ހުލާސާ ރިޕޯޓު

މަރު ކޮމިޝަނުން ރިލްވާން މައްސަލައިގައި ތައްޔާރުކުރި ރިޕޯޓްގެ ހުލާސާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، އެ ރިޕޯޓް މަޖިލީހުން ވަނީ އާންމުކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރިލްވާން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ އުކުޅަހު ދޯންޏަކަށެވެ. ދޯނީގެ ވެރި މީހާއަށް ކިޔަނީ އއ އުކުޅަސް، މާވަޑިއާގެ މުހަންމަދު ރާޝިދުއެވެ. ހަމަ އެގޭ އަލްގިސް އާއި ދެމީހުން އެ ދުވަސްވަރު ދެ ދޯނި ގެންގުޅުނު ކަމަށާއި މި ދެ ދޯންޏަކީ ވެސް ދީނީ ޖިހާދީ ޖަމާއަތުން އާމްދަނީ ހޯދުމަށް ގެންގުޅޭ ދެ ދޯނި ކަމަށް ބުނެފައިވެއެވެ.

މި ދެ ދޯނި ހަމަޖައްސައިދިނީ މި ޖަމާއަތުގެ އޮޕަރޭޝަންސް ތަކުގެ އެންމެ އިސްމީހަކަށް ހުންނަ ސ. ފެދޫ ގުރަހާގެ އަގްލީލް (ކިޑޫ) ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

"މި ދޯންޏަށް އެރުވުމަށްފަހު ރިލްވާންގެ ކަރު ބުރިކޮށްލީ އެވެ. ބޯ ބުރިކޮށްލުމަށްފަހު، އެ މީހުން ރިލްވާނުގެ ހަށިގަނޑު ކަނޑު ފެއްތީއެވެ" އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ތ.އޮމަދޫ /އަތިރީގެ، ޞާމިތު މުޙައްމަދުއާއި ދެކެވުނު ވާހަކައިން ރިލްވާން މަރާލީ އޭނަކަން އެނގޭ ކަމަށް ހެކިވެރިޔަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރިލްވާން ދޯންޏަށް އެރުވީ ރަތް ކާރުގައި ގޮސް ރިލްވާން ކިޑްނެޕްކޮށްގެން އަތިރިމައްޗަށް ގެނެސް ޑިންގީއަކަށް އަރުވައިގެން އެ ދޯނި ކައިރިއަށް ގެނެސްގެންނެވެ.

"ރަތް ކާރުގައި ރިޟްވާން ކިޑްނެޕް ކުރަން ދިޔައިރު ކާރުގައި ތިބީ މުނާއްކޮ އާއި އާލިފް އާއި ޝައްފާފުއެވެ. ކާރު ދުއްވަން އިނީ މުނާއްކޮ އެވެ. ދެން ކުރީގަ އިނީ އާލިފް އެވެ. ޝައްފާފު އިނީ ފަހަތުގައެވެ. ކާރުގެ ފަހަތުން ސައިކަލުގައި ދިޔައީ ސުވައިދު (މުޙަންމަދު ސުވައިދު ސ. ހުޅުދޫ އަތިރީގެއާގެ) އާއި ސޮލާހު (ޝަބީނިއޯއާ އެއްކޮށް 30 ޑިސެމްބަރު 2014ގައި ސިރިޔާ އަށް ފުރައިގެން ދިޔަ ސޮލާހް (އާއި ޝަބީނިއޯ) އިސްމާޢީލް ޞަބިޙް، (ޏ. ފުވައްމުލައް / ދަޑިމަގު، ދަޑޮފީށި) އެވެ" އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގައި މީގެކުރިން މަރު ކޮމިޝަނުން ވަނީ އެކަމުގައި ބޭނުންކުރިކަމަށް ބުނާ ވަޅީގެ ފޮޓޯ އާންމުކޮށް އޭގެ މައުލޫމާތު އެނގޭ ފަރާތެއް ހުރިތޯ ބެލުމަށް އިއުލާނުކޮށްފައެވެ. އަދި ރިލްވާން ގެއްލުވާލާފައިވާ މައްސަލައާ ގުޅިގެން އެއްވެސް މައުލޫމާތެއް ދެއްވަން ބޭނުންވާނަމަ އެ ފަރާތަކުން ކޮމިޝަނަށް ހާޒިރުވެ ނުވަތަ ކޮމިޝަންގެ ފޯނު ނަމްވަރު 9607390841 ފޯނަށް ގުޅުއްވައި ނުވަތަ ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާ ކުރެވޭގޮތަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.