ބޯކޮށް ވާރޭ ވެހިލާއިރަށް ފޭދޫ ބޮޑު މަގުގެ ވަކި ސަރަހައްދެއްގައި ފެން ބޮޑުވެ އެ ސަރަހައްދުގެ މީހުން ފެނުން ސަލާމަތް ނުވެގެން އުޅޭ އިރު އަދިވެސް އެކަމަށް ވަނީ ސަމާލުކަން ނުދެވި އެވެ. ސަރުކަރާއި ކައުންސިލަށް އެތައް ފަހަރަކު މި މައްސަލަ ހުށަހެޅިއްޖެ އެވެ. އަދިވެސް ވަނީ ހައްލެއް ލިބޭ ގޮތެއް ނުވެ އެވެ.
ފޭދޫ ބޮޑު މަގުގެ ފެން ބޮޑުވާ ސަރަހައްދުގެ ގެއަކުން ވާހަކަ ދެއްކި މީހަކު ބުނީ އެ މީހުން އުޅޭ ދަތިހާލު އެއްވެސް ބަޔަކު ނުބަލާ ކަމަށެވެ.
ވާރޭ ވެހި ވިއްސާރަ ވެއްޖެނަމަ އެމީހުން ތިބެ ންޖެހެނީ ނުނިދާ ހޭލަ އެވެ. ގެއަށް ފެންގަނޑު ވަދެވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގަ އެވެ.
އޭނާ ބުނީ ބައެއް ފަހަރު ބަސްތާ ޖަހައިގެން ފެން ނުވަންނަ ގޮތަށް ހަދައިގެން ތިއްބަސް ހައްލެއް ނެތް ކަމަށެވެ.

"އަހަރެމެން ބަސްތާ ޖަހައިގެން ފެން ނުވަންނަ ގޮތަށް ހަދައިގެން ތިއްބާ ވެހިކަލް ތައް އާދަޔާ ހިލާފް ބާރުމިނުގައި ދުއްވުމުން ފެންގަނޑު ރާސްލާފައި އައިސް ވަންނަނީ ގޭތެރެ އަށް. އެގޮތަށް އެންމެ ގިނައިން ބާރަށް މި ދުއްވަނީ ފުލުހުންގެ ވެހިކަލް." އޭނާ ބުންޏެވެ.
އޭނާ އަދި ބުނީ މި މައްސަލަ ހައްލު ކުރުމަށް ފޭދޫ އޮފީހަށް އެތައް ފަހަރަކު ހުށަހަޅާފައިވާ ކަމަށެވެ. އަދި ކައުންސިލަށް ވެސް ހުށަހެޅި ކަމަށެވެ. އަދި މިއަދު ހެނދުނު ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން ފުލުހުންގެ އެހީއަކަށް އެދުމުން ފުލުހުންނަކީ އެފަދަ އެހީ ދޭ ބަޔަކު ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެން ނަަމަވެސް މަގުތަކުގައި ފެން ބޮޑުވުމުން ސިފައިން ނުކުމެ، ޕަންޕް ޖަހައިގެން ފެން ހިއްކަ އެވެ.

ފޭދޫ ބޮޑު މަގުގެ ފެން ބޮޑުވާ މައްސަލަ އާ ގުޅިގެން އެންމެ ފަހުން ކައުންސިލުން ބުނީ އެ ސަރަހައްދުގައި ވަކިން ފެން ހިއްދާ ވަޅުގަނޑު ފައްތައިގެން ނަމަވެސް އެކަން ހައްލު ކުރުމަށް ރޯޑް ކޯޕަރޭޝަނާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން އިތުރު މަސައްކަތެއް ނުކުރާ ކަމަށް އެ ސަރަހައްދުގެ މީހުން ބުނެ އެވެ.
ފޭދޫ ބޮޑު މަގުގެ ވަކި ސަރަހައްދެއްގައި ފެންގަނޑު ހެދި ގޭގެ އަށް ފެންގަނޑު ވަނުމުން ދޭތެރެ ދޭތެރެއިން އެމްއެންޑީއެފް އިން ނިކުމެ ފެން ހިއްކައި ދެ އެވެ.

ކައުންސިލްގެ ދައުރެއް ނިމި އާ ދައުރަކަށް ކައުންސިލަރުން ހޮވިފައިވާ އިރު މިފަދަ މައްސަލަތަކަށް ހައްލެއް ލިބިފައި ނެތުމުން އެކަމާ ގިނަ މީހުން ޝަކުވާ ކުރެ އެވެ.