Last Updated: June 15, 03:58
Sunday, June 14, 2026
ޚަބަރު

މިދިޔަ އަހަރު ފެމިލީ ކޯޓުން 1192 ވަރި ރަޖިސްޓްރީ ކޮށްފި

މިނިމުނު 2021 ވަނަ އަހަރު ފެމިލީ ކޯޓުން 1100 އަށްވުރެއް ގިނަ ވަރި ރަޖިސްޓްރީ ކޮށްދީފައިވާކަމަށް އެކޯޓުން ބުނެފިއެވެ.

އެކޯޓުން މިދިޔަ އަހަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، އެ ކޯޓުން މިދިޔަ އަހަރު ކޮށްދީފައިވަނީ 2399 ކައިވެންޏެވެ. އަދި 1192 ވަރި އެ ކޯޓުން ރަޖިސްޓްރީ ކޮށްދީފައިވާކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރު ފެށުނުއިރު އެކޯޓުގައި ނުނިމި ހުރީ 660 މައްސަލައެވެ. އަދި މިދިޔަ އަހަރު އެކޯޓަށް 2408 މައްސަލަ ހުށަހެޅުނުއިރު، 2615 މައްސަލަ ނިންމާފައިވެއެވެ. މިދިޔަ އަހަރު ނިމުނު އިރު އެ ކޯޓުގައި ނުނިމި ހުރީ 453 މައްސަލައެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުގައި ކޮށްފައިވާ ކައިވެނިތަކުގެ ތެރެއިން ފެމިލީ ކޯޓުގައި ރަޖިސްޓްރީ ކުރުމަށް ހުށަހެޅުނު ކައިވެނީގެ ތެރެއިން 2020 ވަނަ އަހަރު ނިމުނު އިރު ނުނިމިހުރީ 29 ކައިވެންޏެވެ. 2021 ވަނަ އަހަރު މީގެ 87 ކައިވެންޏެއް ރަޖިސްޓްރީ ކުރުމަށް ފެމިލީ ކޯޓަށް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު އެކޯޓުން ވަނީ ޖުމުލަ 92 ކައިވެންޏެއް ރަޖިސްޓްރީ ކޮށްދީފައެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު 24 ކައިވެންޏެއް ރަޖިސްޓްރީ ނުކުރެވިވާކަމަށްވެސް ފެމިލީ ކޯޓުގެ ތަފާސްހިސާބުން ދައްކައެވެ.