Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ކޮމަންޑޫއަށް ބޭނުންވާ އެމްބިއުލެންސް ފޮނުވައިފި

ށ. ކޮމަންޑޫއަށް ބޭނުންވާ އެމްބިއުލެންސް އެރަށަށް ފޮނުވައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނެފައިވަނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ އެމްބިއުލެންސް ގެ ތެރެއިން ށ.ކޮމަންޑޫ އަށް ފޮނުވާ އެމްބިއުލެންސް ރޭ ފޮނުވާލާފައިވާކަމަށެވެ.

ކޮމަންޑޫއަށް އެމްބިއުލެންސް ފޮނުވާފައިމިވަނީ އެ ދާއިރާގެ މަޖިލީހުގެ ބައި އިލެކްޝަން ބޭއްވުމަށް 10 ވަރަކަށް ދުވަހަށް ކައިރިވެފައިވަނިކޮށެވެ.

ސަރުކާރުން މިދުވަސްވަރު އަންނަނީ ކޮމަންޑޫ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކުރެވެނީ އިންތިހާބާ ދިމާކޮށް ހަވާލުކުރެވުނު ކޮމަންޑު އަދި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއެވެ.

މިދުވަސްވަރު އިންތިހާބާ ދިމާކޮށް ކޮމަންޑު ދާއިރާގައި މަޝްރޫއުތައް ހިންގަމުން އަންނާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްއިން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވޭފަދަ ކަންކަން ނުކުރުމަށް ގޮވާލާފައެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ. ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.