Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މިސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެގޮތެއްނެތް: އުޝާމް

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

މިސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެގޮތެއްނެތް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަނެއް އޮތްނަމަ އެ މައްސަލައެއް އޭސީސީ އަށް ހުށަހެޅުމަށް އެކަމަނާ ގޮވާލައްވާފައިވަނިކޮށެވެ.

އެގޮތުން މާރިޔާ ކުރެއްވި ޓްވީޓަށް ރައްދު ދެއްވާ އުޝާމް ވިދާޅުވެފައިވަނީ، އެމްޑީޕީން ވަރަށް ރޭވުންތެރިކަމާއެކު މަޖިލިސް ރިސެސް ދުވަސްވަރު ދައުރުންބޭރު ޖަލްސާ ބާއްވައިގެން އޭސީސީ ޤާނޫނީ ހުސްކަމަކަށް ގެނެސްފައިވާކަމަށެވެ.

އޭސީސީއަށް މެމްބަރުން އައްޔަނު ކުރުން އަވަސް ކުރުމަށް ސަރުކާރުން ބޭނުން ނުވާކަމަށާއި، މިސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެގޮތެއްނެތް ކަމަށް އުޝާމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އޭސީސީގެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވީ އެ މެމްބަރުންގެ ޕާސޯމަންސް އޮޑިޓެއް ހެދުމަށްފަހު މަގާމުން ދުރުކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާ، އެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ.

އޭސީސީގެ މެމްބަރުން ނެތި ބައި އިލެކްޝަނަކާ ކުރިމަތިލާން ޖެހިފައިވުމުން، އެކަމުގައި އެމްއެންޕީން އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީން ވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.