Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ޕޮލިސް، ޕީޖީ އަދި ޖޭއެސްސީ ހިމެނޭ ގޮތަށް ފަސް މުއައްސަސާއެއް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަނީ

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖިނާއީ މައްސަލަތައް ތާވަލާ އެއްގޮތަށް ކުރިއަށް ނުދާ މައްސަލައިގައި މަޝްވަރާކުރުމަށް ފަސް މުއައްސަސާއެއް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރުމަށް އެ ކޮމިޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ، ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތާ އެއްގޮތަށް ކުރިއަށް ނުދާ މައްސަލައާ މެދު މަޝްވަރާ ކުރުމެވެ.

މި ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ މުއައްސަސާތައް ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އަމަލުކުރަމުންދާކަން ބަލަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މެމްބަރުންވަނީ ޖިނާއީ މައްސަލަތައް ނިންމުމުގައި ދިގުލާދާކަން ފާހަގަކޮށް މައްސަލަތައް ހުރި ހިސާބު ދެނެގަތުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށްފައެވެ.

މިކޮމިޓީ ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ޕޮލިސް ބޯޑުގެ މެމްބަރުން، ޖުޑީޝަލް ސަރވިސް ކޮމިޝަަން އަދި ޑިޕާރޓްމެންްޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅާފައެވެ. އެހުށަހެޅުން ވަނީ ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.