Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ކެމްޕޭނުގައި ގާސިމް ބައިވެރިވުމަކީ ލިބުނު ހިތްވަރެއް: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭނުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވުމަކީ ލިބުނު ހިތްވަރެއް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ގާސިމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ކޮމަންޑޫ ދާއިރާ އަށް ވަޑައިގެން އިއްޔެ ވަނީ ކޮމަންޑޫ އަދި މަރޮށި ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ.

ރޭ "ވީޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝިފާޒު ވިދާޅުވީ ގާސިމް ކެމްޕޭނުގައި ބައިވެރިވުމަކީ ލިބުނު ހިތްވަރަކާއި ކުރިއެރުމެއް ކަމަށާއި ގާސިމް އެ ދާއިރާ އަށް ވަޑައިގެން މަސައްކަތް ކުރެއްވުމުން އެ ދާއިރާގައި ތިބި ޖުމްހޫރީ ޕާޓީގެ ވޯޓު ވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިގެންދާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާ ހިމެނޭ ސަރަހައްދުގައި އިގްތިސާދު ބޮޑު މަސައްކަތެއް ގާސިމް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަޝްރޫއު ތަރައްގީ ވެގެން ދިޔުމުން ބޮޑު އިގްތިސާދެއް އެ ސަރަހައްދުގައި އުފެދިގެންދާނެ ކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް އެ ދާއިރާގައި އެބަތިބި. އެ ހުރިހާ ފަރާތްތަކަށް މިވަގުތު ސާފުވެގެންދާނެ ގާސިމް އެ އެދިވަޑައިގަންނަވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް. އެއީ ޖުމްހޫރީ ޕާޓީ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމެއް" ގާސިމް ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ ސަރުކާރުން ކަންކަން ކޮށްދެމުންދާކަން ކޯލިޝަނުގައި ހިމެނޭ ޕާޓީތަކާއި ރައްޔިތުންނަށް ވެސް މިހާރު އެނގޭނެ ކަމަށެވެ. އަދި މި ވެރިކަން މެދުން ތިރިއަށްދާއިރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ލޯތްބާއި އިހުތިރާމު ސަރުކާރަށް އޮތްކަން ހާމަވާ ކަމަށާއި މިއީ ރައްޔިތުންނަށް ލިބޭނެ ހިތްވަރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފަ އެވެ. ނަމަވެސް ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އިން ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.