Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މަހުލޫފް މައްސަލަ ފަސްކުރުމުން ޓްރާންސްޕޭރެންސީން ކަންބޮޑުވުންފާޅު ކޮށްފި

މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ކްރިމިނަލް ކޯޓުން ފަސް ކުރުމުން ޓްރާންސްޕޭރެންސީ މޯލްޑިވަސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަހުލޫފްގެ މައްސަލައިގައި އެންމެ ފަހުން ކްރިމިނަލް ކޯޓުން އަޑުއެހުމެއް ތާވަލުކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެދުވަހުގެ އަޑުއެހުން ކެންސަލް ކުރީއެވެ. އިއްޔަ ކްރިމިނަލް ކޯޓުން ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ މަހުލޫފްގެ މައްސަލައަކީ ހުރިހާ ފަރާތްތަކެއް ހާޒިރުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މައްސަލައެއް ކަމަށާއި، އެހެންކަމުން އެ މައްސަލަ ދެން ތާވަލުކުރާނީ ކޮވިޑް-19ގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށެވެ.

އެކަމާ ކަންބޮޑުވުންފާޅުކޮށް ޓްރާންސްޕޭރެންސީން ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި އެހެން މައްސަލަތައްވެސް ހިނގަމުން އަންނަ ކަމަށާއި، މަހުލޫފްގެ މައްސަލައަކީ ބޮޑު ކުށަކަށްވީއިރު އެމައްސަލަ ޝެޑިއުލް ކުރުން ފަސްކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ކަންބޮޑުވާކަމަށެވެ.

ޓްރާންސްޕޭރެންސީންވަނީ ކޮވިޑް-19 އާ ގުޅިގެން އޮންލައިންކޮށްވެސް ޝަރީއަތްތައް ކުރިއަށް ގެންދާކަން ފާހަގަކޮށްފައެވެ. އެމްއެމްޕީއާރްސީ މައްސަލައިގައި ސަރުކާރުގެ އެއްވެސް މީހަކަށް ދައުވާކޮށްފިނަމަ އެމީހަކާމެދު ފިޔަވަޅު އަޅާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ވަނީ މަހުލޫފްގެ މައްސަލައިގައި ދައުވާކުރިއިރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންއިން ހިންގި ތަޙުޤީޤުގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން މަހްލޫފަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި މިނިސްޓަރު މަހުލޫފްގެ މައްޗަށްވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރާ ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ މަހުލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މީނާއަށް ދިން 33،000 ޑޮލަރު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށެވެ.