Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ބީއެމްއެލްއަށް 1.7 ބިލިއަން ރުފިޔާގެ ފައިދާ

މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ބީއެމްއެލްއަށް ލިބިއްޖެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިއީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާއެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައި، އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދައި އަދި ދައްކަންޖެހި ނުދައްދާ އޮތް ލޯނަކަށް ތިންވަނަ ކުއާޓަރގައި އެއްފަހަރާ ލިބުނު ފައިސާ ހިމެނޭހެން ހޯދުނު ނަތީޖާއެއް ކަމަށެވެ.

"މި ނިމިގެންދިޔަ އަހަރުގެ ނަތީޖާއަށް ބަލާއިރު މިއީ ބޭންކުގެ ތާރީހުގައި މިހާތަނަށް އެެންމެ ބޮޑު ކާމިޔާބެއް ހޯދުނު އަހަރު. ކޮވިޑްގެ ހާލާތާ ގުޅިގެން ހިންގުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވިކަމުގައި ވީނަމަވެސް، 2021 ވަނަ އަހަރު ވިޔަފާރިން ހަރުދަނާ ނަތީޖާއެއް ހޯދިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އަޅުގަނޑުމެންގެ ޓީމުތަކުން ވަރުބަލިކަމެއްނެތި ކުރި ބުރަމަސައްކަތުން. އަޅުގަނޑުމެން ދޫކުރާ ލޯނުގެ ނިސްބަތްވަނީ އިރުތުވެފަ. އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ ރަނގަޅުވެ %2.5 ގައި ހިފެހެއްޓިފައި. މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 3.3 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދަކަށް އައު ލޯނު ދޫކޮށްފައިވޭ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

މިދިޔަ އަހަރު އެސެޓަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 5.3 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައި ކަމަށްވެސް ބުނެފައިވެއެވެ.