Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މަހުލޫފް އަރާ ރަށް ފަސާދަކޮށްފި: ފުނަދޫ ކައުންސިލް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ށ. ފުނަދޫއަށް ވަޑައިގަތުމަށްފަހު އެރަށުން ފޭބީ ރަށް ފަސާދަކުރުމަށްފަހު ކަމަށް ށ. ފުނަދޫ ކައުންސިލުން ބުނެފިއެވެ.

ފުނަދޫ ކައުންސިލުން މިފަދައިން ބުނެފައިވަނީ މަހުލޫފް އެ ރަށަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ށ. ފުނަދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެރަށް މޮނިޓަރންގެ ޙާލަތުގައި އޮއްވައި، އަދި ކައުންސިލަށް އެއްވެސް ގޮތަކަން އަންގަވައިލެއްވުމެއް ނެތި، މިނިސްޓަރު މަހުލޫފް ވަޑައިގަތުމަށްފަހު، ރަށުގެ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާފަ އުފެދި، ޒުވާނުންގެ މެދުގައި ނުތަނަވަސްކަން އުފެދޭފަދަ އިބާރާތްތަކަކުން ދޮގު ވާހަކަތަކެއް ޓްވީޓް ކޮށް ކައުންސިލް ބަދުނާމުކުރުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ.

ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ، ޔޫތް މިނިސްޓްރީގެ ދާއިރާއިން ފުނަދޫގައި ކުރަން ފައްޓަވާފައިވާ މަސައްކަތަކީ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ފެށިތާ ތިން އަހަރު ފާއިތުވެގެންދާއިރުވެސް އަދިވެސް ނުނިމޭކަމަށެވެ. އަދި މަސައްކަތް ނުނިމި ލަސްވަނީ ކައުންސިލުން ކުރަންޖެހޭ ކަމެއް ނުކުރެވި އޮވެގެން ނޫންކަމަށާއި، އެތަނަށް އަޅަން ބޭނުންވާ ވެލި ހޯދުމަށް ދަތިވާކަން އެންގުމުން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިމަކުން އެތަނަށް ބޭނުންވާ ވެލި ހަދިޔާކޮށްފައިވާކަމަށެވެ.

ޔޫތް މިނިސްޓްރީން އެރަށުގައި ކުރަމުން އަންނަ ދެވަނަ ކަމަކީ ވޮލީ ކޯޓެއް އެޅުން ކަން ފާހަގަކޮށް ފުނަދޫ ކައުންސިލުން ބުނެފައިވަނީ، އެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކުރެއްވި ކަމެއް އަދި އަންގަވާފައެއް ނުވާ ކަމަށާއި، އެކަމުގައިވެސް މިނިސްޓްރީން ނުވަތަ ކޮންޓްރެކްޓަރ އެދިވަޑައިގަތް ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.

ފުނަދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ ކަންކަމުގެ ހަގީގަތް އެގޮތަށް އޮއްވައި، މިނިސްޓަރު މަހުލޫފް ކަނޑައެޅިގެން އިތުރުފުޅު ހައްދަވައި، ފުނަދޫގެ ރައްޔިތުންނާއި ޒުވާނުންނަށް ހަގީގަތް އޮޅުވައިލައްވަން މަސައްކަތްޕުޅު ކުރެއްވީތީ ހިތާމަކުރާކަމަށެވެ. އަދި މިނިސްޓަރުގެ އެ އަމަލަކީ އެ މަގާމުގެ ހައިބަތާއި ކަރާމާތަށް އުނިކަންލިބޭފަދަ ދަށު ފަންތީގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.