Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ބްރިޖްގެ މަސައްކަތް ކުރިއަށްދާތީ ސަމާލުވާން އެދެފި

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖްގެ މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ބްރިޖް މަސައްކަތުގެ ދަށުން އިއްޔެ އިން ފެށިގެން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅިފަޅުގެ ދެކުނު ފަރާތުގެ މޫދާއި ތިލަފުށީގެ އިރުދެކުނުކޮޅާ ދެމެދުގެ ސަރަހައްދުގައި ޕްލެޓްފޯމްތަކެއް ބަހައްޓައިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެ ޕްލެޓްފޯމުތަކަށް ކައިރި ނުކުރުމަށާއި އެ ޕްލެޓްފޯމްތަކަށް ސަމާލުކަންދިނުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ޕްލެޓްފޯމްތަކަށް އުނދަގޫ ނުވާނެގޮތަކަށް ރައްކާތެރިކަމާއެކު ދަތުރުތައްކުރުމަށް އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި އުޅަނދު ފަހަރުގެ ވެރިންނަށް އަދި އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށް ބުނެފައިވެއެވެ.

މިމަސައްކަތް ހަވާލުކޮށްފައިވާ އެފްކޯންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ވަނީ ބްރިޖްގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތްތައް ފަށާފައެވެ.

ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލެވިގެންދާއިރު، 100 މިލިޔަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓަށް ވެގެންދާނެއެވެ.

ޖީ.އެމް.ޕީ.ސީ ޕްރޮޖެކްޓްއަކީ މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖް އަދި ކޯސްވޭ އިން ގުޅިގެން ދާނެ ޕްރޮޖެކްޓަކަށްވީއިރު 6.7 ކިލޯމީޓަރު ދިގު މި ބްރިޖް ފުންފަޅުތަކުގައި 1.45 ކިލޯމީޓަރު އަށް މެރިން ވިއަރޑަކްޓް، އަދި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއަރޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރު ގެ މަގުހިމެނެއެވެ.

މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރެވިފައި ހުންނާނެކަމަށާއި އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެއް ކަމަށް މައުލޫމާތު ދީފައިވެއެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނައިރު ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.