Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ހުޅުދޫގެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިިފި

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ ފްލެޓް ތަކަކަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު އިއުލާން ކޮށްފައިވަނީ ހުޅުދޫގައި ގާއިމުކޮށްފައިވާ 48 ފްލެޓްގެތެރެއިން އޭ އަދި ބީ ކެޓަގަރީގައި ހިމެނޭ 37 ފްލެޓަށް އެދުމަށެވެ.

އޭ ކެޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭނީ އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ކަމަށެވެ. އެ ކެޓަގަރީން ދޫކުރަން ހަމަޖެހިފައިވަނީ 27 ފްލެޓެވެ. ބީ ކެޓަރީއަކީ ހުޅުދޫ އަދި މީދޫގައި މިހާރު ދިރިއުޅޭ ރަށުން ބޭރުގެ ފަރާތްތަކާއި ހުޅުދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް
ހާއްސަކޮށްފައިވާ ކެޓަރީ އެވެ. އެބައިން ދޫކުރަން ހަމަޖެހިފައިވަނީ 10 ފްލެޓެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނީ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނާއި އީމެއިލް މެދުވެރިކޮށް ފޯމް ބަލައިގަންނާނެ ކަމަށެވެ. އޮފީހުގެ ކައުންޓަރުން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން 14:00 އަށެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހު ވަގުތެއް ކަމަށް ކަނޑައަޅާފައިވަނީ އަންނަ މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 14.00 އެވެ.