Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ވެކްސިން ހަދިޔާކުރުމުން މިނިސްޓަރު ޝާހިދުގެ ޝުކުރު އެމެރިކާ ސަރުކާރަށް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއެކު---

ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް ވެކްސިން ހަދިޔާ ކުރުމުން، ފޮރިން މިނިސްޓަރު އަަބްދުﷲ ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި އެގައުމަށް ޝުކުރު އަދާކުރެއްވިއިރު، ވިދާޅުވެފައިވަނީ މި ވެކްސިންތަކުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޫސްޓަރ ޝޮޓްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބި، ވެކްސިން ޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 210،600 ޑޯޒްގެ ފައިޒާ ވެކްސިނެވެ.

އެމެރިކާ އިން ވެކްސިން ހަދިޔާކޮށްފައިވާއިރު ރާއްޖޭގައި މިހާރު ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ބޫސްޓާ ޑޯޒު ޖެހުމުގެ މަސައްކަތް ފަށާފަ އެވެ. ރާއްޖޭގައި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާާ ވެކްސިން އެވެ. އެގޮތުން މިހާތަނަށް 62،000 އަށް ވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒު ޖަހާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ރާއްޖެއަށް 5.4 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފަ އެވެ. އެގޮތުން ދެ މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީ.ޕީ.އީ އާއި ޕީ.ސީ.އާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެއެވެ. އަދި އައި.އޭ.އީ.އޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައިވެއެވެ.