Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އޭސީސީގެ މެމްބަރުން ނެތުމުން ދެކޮމަންޑޫ ގުޅާލުމުގެ މައްސަލައާމެދު ގޮތެއް ނުނިންމޭނެ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް އެދާއިރާގެ ކޮމަންޑޫ އަދި މަތިކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ފެށުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވަނީ ޖެނުއަރީ 19 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ބަޖެޓްގައި ނެތް މަޝްރޫއެއް ފަށާ، ހިންގާ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ކަމަށެވެ.

އޭސީސީގެ އޮފިޝަލް ވިދާޅުވީ މިވަގުތު އޭސީސީގެ އެއްވެސް މެމްބަރަކު ނެތުމުން އެ މައްސަލައާމެދު ގޮތެއް ނުނިންމޭނެކަމަށެވެ.

"ރަޖިސްޓްރާ މައްސަލަ ރަޖިސްޓްރީ ކުރައްވާނެ. އޭގެ އިތުރަށް އެ މައްސަލައިގަ ކުރެވޭނެ ކަމެއް އަދިއެއް ނޯންނާނެ. އެ މައްސަލައާ މެދު ގޮތެއް ނުނިންމޭނެ ކޮމިޝަންގެ މެމްބަރުން ނެތީމަ." އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭސީސީގެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވީ އެ ކޮމިޝަންގެ މެމްބަރުން މަގާމުން ދުރުކުރުމަށް މަޖިލީހުން ނިންމުމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންއާ ދިމާކޮށް ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅޭލުމުގެ މަސައްކަތް ސަރުކާރުން ފެށުމުން އެކަމުގައި ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. ހާއްސަކޮށް ބަޖެޓްގައި ނެތްކަމެއް އިންތިހާބާ ދިމާކޮށް ފެށުމުން އެކަމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާކަމެއްގެ ގޮތުގައި ގިނަފަރާތްތަކުން ދެކެއެވެ.

މިދުވަސްވަރު އިންތިހާބާ ދިމާކޮށް ކޮމަންޑު ދާއިރާގައި މަޝްރޫއުތައް ހިންގަމުން އަންނާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްއިން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވޭފަދަ ކަންކަން ނުކުރުމަށް ގޮވާލާފައެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ. ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.