Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ޝަހީދު ހުސައިން އާދަމްގެ ފޮޓޯ، "އިންޑިއާ އައުޓް" ހަރަކާތުގައި ބޭނުންކުރުމުން ފާޑުކިޔުން

"އިންޑިއާ އައުޓް" ހަރަކާތެއްގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުންކުރަނީ--

އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގައި ޝަހީދް ހުސައިން އާދަމްގެ ފޮޓޯ ބޭނުންކުރުމުން އިދިކޮޅަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިދިކޮޅުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިން ރަށެއްގައި ހަރުކުރި ޕޯސްޓަރެއްގައި ނޮވެމްބަރު 3 1988 ގެ ބަތަލް ހުސައިން އާދަމްގެ ފޮޓޯއެއް ހިމަނާފައިވުމުން އެކަމުގައި ފާޑުކިޔުންވަނީ ބޮޑުވެފައެވެ.

އެގޮތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް ކަމަށާއި، އަދި ހާއްސަކޮށް އެއީ ކުޅުދުއްފުށީގެ ފަހުރެއް ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ނުކުރެއްވުމަށް ވަނީ އެދިފައެވެ.

"ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޙްލާޤެއް ބެހެއްޓެވުން މުހިންމު." ޔާސިރުގެ ޓްވީޓްގައިވެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަހީދު ހުސައިން އާދަމްއަކީ ގައުމީ ބަތަލެއް ކަމަށާއި އެބަތަލަށް އިޙުތިރާމު ކުޑަވާގޮތަށް ސިޔާސީ ބޭނުމަށް އެބަތަލުގެ ފޮޓޯ ބޭނުންކުރުމަކީ ގައްދާރު އަމަލެއް ކަމަށެވެ.

"ސިޔާސީގޮތުން ބުއްދިފިލާ ދިއަޔަސް ގައުމީބަތަލް ޝަހީދު ހުސައިން އާދަމްގެ ގައުމީ ޖިހާދަށް ކޮއްމެވެސްވަރެއްގެ އިޙުތިރާމެއް ކުރަންވާނެ." ޝިފާއުގެ ޓްވީޓްގައިވެއެވެ.

އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.