Last Updated: June 18, 18:11
Wednesday, June 18, 2025
ޚަބަރު

ވެރިކަން ކުރަން ސަރުކާރަށް އަދި ލިބުނީ އެންމެ އަހަރެއް: ގާސިމް

ގާސިމް އިބްރާހިމާއި ރައީސް ސޯލިހް ބައްދަލު ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރަށް ވެރިކަން ކުރަން ލިބުނީ އަދި އެންމެ އަހަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ކޮމަންޑޫގައި މިއަދު ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރިކަން އައި ގޮތް އެންމެންނަށް ވެސް އެނގޭނެ ކަމަށާއި އެގޮތުން ދަތުރުފަތުރު ނުކުރެވި ގެއިން ބޭރަށް ވެސް ނުނިކުމެވި އަމިއްލަ އަށް ތިބެން ޖެހުނީ ތަޅުލެވިގެން ކަމަށެވެ.

"މި ހާލަތުގައި ކިހިނެއްތޯ ކަންތައް ކުރަނީ؟. އެހެންވީމަ ވެރިކަން ކުރަން އަދި އެ ލިބިވަޑައިގަތީ އެންމެ އަހަރެކޭ އިނގޭތޯ. މިއީ ހަގީގަތް" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ނިކަމެތިކަމުގެ ތެރޭގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ޕްރޮޖެކްޓެއް ސަރުކާރުން ހިންގަމުން ގޮސްފައިވާ ކަމަށެވެ. އަދި ސަރުކާރުން ކަމެއް ނުކުރެވޭ ކަމަށް ބުނެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ސަރުކާރު މާ ސްލޯއޭ، ސަރުކާރަކަށް ކަމެއް ނުކުރެވެއޭ، މާ ދެއުޅިދިގީއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަދައްކާނެ. އަޅުގަނޑުމެންގެ އޮޕޮސިޝަންގައި ތިބި ބަޔަކު އަބަދުވެސް އެ ވާހަކަ ދައްކާނެ ނޫންތޯ" ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން ގާސިމް ވަނީ ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވީ އެ ދާއިރާ އަށް ނިކަމެތިކަމެއް ލިބުމަށް ނޭދޭތީ ކަމަށާއި އެ ދާއިރާ އަށް ލިބޭ ނިކަމެތިކަމަކީ އޭނާ އަށް ވެސް އަދި ދައުލަތަށް ވެސް ލިބޭ ނިކަމެތި ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރަށް ތާއީދެއް ނެތްކަން ހާމަވެއްޖެނަމަ ބޭރުން ލިބޭ އެހީތަކާއި އެހެނިހެން ކަންކަން ވެސް ލަސްވެގެންދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.

މި ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.