Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ރާއްޖެއާ ތުރުކީއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފި

ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއާ ތުރުކީއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފިއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ވަނީ ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވާފައެވެ. އެގޮތުން މި މަޝްވަރާތަކުގައި މިގޮތުން، ތައުލީމީ ދާއިރާއާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއާއި، ތިމާވެށްޓާއި، އިޤްތިސާދީ ތަރައްޤީއާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަތައް ކުރިއަށް ގެންގޮސްފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ފަސް އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ސޮއިކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ދާއިރާއާއި، ސަގާފަތާއި ތަރިކައިގެ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާޢި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޚާރިޖީ ދާއިރާއިން ގުޅުން ބަދަހި ކުރުމާބެހޭ އެއްބަސްވުންތަކެއްގައެވެ.