ދެން އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކުރެވިގެން އުފައްދާ ސަރުކާރެއްގައި ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުން ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމް މެމްބަރުންނަށް ކަމަށާއި އެހެން ޕާޓީތަކުގެ މީހުނަށް ފުރުސަތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަ މީޑިއާތަކުން އޮޅުވާލީ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
އެކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވަޒީފާއާއި ގުޅޭ ގޮތުން، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅޭ ގޮތަށް އެ ޚަބަރު މީޑިއާތަކުން ގެނެސްދީފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރާކަމަށެވެ.
"ކޮމަންޑޫ ދާއިރާގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ޕީ.ޕީ.އެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެއް ނުވާނެއެވެ. އަދި ވަޒީފާ ދެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީ.ޕީ.އެމް ގެ މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެކަމަށް ކަމަށް ވިދާޅުވެފައި ނުވާއިރު، އެ ހުރިހާފަރާތްތަކަށްވެސް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާނެއެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުންވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނަކީ ރާއްޖޭގައި ވަކި ޕާޓީއެއް ނެތި އެންމެނަށްވެސް ވަޒީފާގެ އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވި އަދި އިގްތިސާދު ކުރިއެރުވި ރައީސްއެއް ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ކެމްޕޭން ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، މިހާރު ވަޒީފާތަކުގައި ތިބި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން މީހަކު ވަޒީފާ ގެއްލުނު ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އެމީހުންގެ ވަޒީފާ އަލުން އިއާދަކޮށްދޭނެ ކަމަށާއި ނޫން ނަމަ އެއަށްވުރެ ބޮޑު ވަޒީފާއެއް ދޭނެ ކަމަށެވެ.
"ﷲގެ ރަހްމަތްފުޅާއެކު 2023ގައި އަޅުގަނޑުމެންގެ ސަރުކާރެއް، ރައްޔިތުންގެ ކަންކަންތައްތައް ކުރުމަށް ކުރުމަށް ފަހިވެގެން ހިނގައްޖެ ކަމަށްވަންޏާއި ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށްވިއަސް އަދި މުވައްސަސާތަކުގެ ވަޒީފާތައް ކަމަށްވިއަސް، މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ޕީޕީއެމްގެ ކުދިން. އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ މީހުނަށް،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމިން އެގޮތައް ވައުދުވެ ވަޑައިގަތުމަށްފަހު ވިދާޅުވީ އެގޮތައް ކަންތައް ކުރައްވަން ޖެހެނީ މިހާރުގެ ސަރުކާރުން އަނިޔާވެރިކޮށް ވެރިކަން ކުރައްވާތީ ކަމަށެވެ.
"އެއީ ސިޔާސީ ގޮތުން މިހާ ވާދަވެރިިކޮށް ގޮސްފައިި، މިހާ އަނިޔާވެރިކޮށް ތިބި ބަޔަކު ރައްޔިތުންނާމެދު އަމަލު ކުރަމުންދާއިރު އަޅުގަނޑުމެން އެބަ ޖެހޭ އެބަޔަކު މިނާ ނާޅިއަކުން މިނެލަން،"
ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ދެން ވަޒީފާ ދޭނީ ޕީޕީއެމް ކުދިންނަށްކަން ކޮމަންޑޫ ދާއިރާއަށް އެމަނިކުފާނު ދާދިފަހުން ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެ ދާއިރާގައި ތިބި އެ ޕާޓީގެ މީހުންގެ ގާތު ދަންނަވާފައިވާނެ ކަމަށެވެ.