ދިވެހިރާއްޖެއާ ތުރުކީއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ރާއްޖެއާ ތުރުކީއާ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ސޮއި ކޮށްފައިވަނީ ވިޔަފާރީގެ ދާއިރާއާއި، ސަގާފަތާއި ތަރިކައިގެ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާޢި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޚާރިޖީ ދާއިރާއިން ގުޅުން ބަދަހި ކުރުމާބެހޭ އެއްބަސްވުންތަކެއްގައެވެ.
އެގޮތުން ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް އާ ތުރުކީގެ ޑިޕްލޮމެސީ އެކަޑަމީ އާ ދެމެދު ގުޅުން ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެއެވެ. އަދި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝަގްލޫއެވެ. މި އެއްބަސްވުމުގެ ދަށުން ޚާރިޖީ ދާއިރާގާ މީހުން ބިނާ ކުރުމަށާއި ޚާރިޖީ ދާއިރާގެ ތަޢުލީމީ ފްރޮގްރާމްތައް އިތުރުކުރެވޭނެއެވެ. އަދި ތުރުކީ ސަރުކާރުގެ އެހީގައި ދިވެހި ޚާރިޖިއްޔާގައި ޕްރޮފެޝަނަލް ޚިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ދިވެހިރާއްޖެއާ ތުރުކީ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ތުރުކީގެ ފަރާތުން އެ ގައުމުގެ ފޮރިން މިނިސްޓަރު އެ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ވަކިން ހާއްސަކޮށް ދެޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެގްޒިބިޝަންތަކާއި ފެއަރތައް އިތުރުކުރުމަށް މަސައްކަތްކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ ތުރުކީވިލާތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ އިޤްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.
ދަނޑުވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ވެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޑރ ހުސެން ރަޝީދު ހަސަންއެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި، ހުނަރު ތަރައްޤީ ކުރެވޭނެއެވެ. އަދި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ފުރުސަތު ލިބޭނެއެވެ.
މީގެއިތުރުން ދެގައުމުގެ ދެމެދުގައި ތިމާވެށީގެ ރޮނގުން ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއި ކުރިއިރު އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތް ޝައުނާއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގަޔާއި، ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ކެމިކަލްފަދަ ތިމާވެއްޓަށް ނުރައްކާތެރި ޒާތުގެ ކުނިބުނި ނައްތާލުމުގެ ކަންކަމުގައިވެސް ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ތާރިޤްއެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ސަގާފަތް ދިރުވައި އާލާކޮށް ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށް މަސައްކަތްކުރެވިގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފްކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ހަމައެއާއެކު މިއުޒިކާއި ވިޝުއަލް އާޓްސް އަދި ޕަރފޯމިން އާޓްސް ފަދަ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުމަށް ތުރުކީވިލާތުގެ އެހީތެރިކަން ލިބޭނެއެވެ.