Last Updated: April 16, 20:04
Tuesday, April 16, 2024
ރިޕޯޓް

ލާމަރުކަޒީ ކުރުމާއި އަޅުވެތި ކުރުން (3)

(ޖެނުއަރީ 23، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

އާ ސަރުކާރު އިންތިޚާބުވުމާ އެކު، ދެން ދެކެވެންފެށި އެއްވާހަކައަކީ، ވަޢުދުތައް ފުއްދުމަށްޓަކައި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަށް ދެއްވުން ނޫން ގޮތެއް ރައްޔިތުންނަށް ނެތް ވާހަކަ އެވެ.

ސަބަބެއް ކަމަށް ކޯލިޝަން ސަރުކާރުން ބުނަމުން ގެންދަނީ، އިދިކޮޅު ސިޔާސީ ޕާޓީގެ ކެންޑިޑޭޓުން ކައުންސިލްތަކަށާއި މަޖިލީހަށް އިންތިޚާބުކޮށްފި ނަމަ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ ފަރާތްތަކުން ހުރަސް އަޅަމުން ގެންދާނެ ވާހަކަ އެވެ.

އާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށި ފަހުން މިވީ ފަސް އަހަރެވެ. މި މުއްދަތުގެ ތެރޭގައި ރައްޔިތުން ދެކެމުން މި ދަނީ ތިން ވަނަ ސަރުކާރެވެ.
ނަމަވެސް ނިކަމެތި ރައްޔިތުންނަށް އެއްވެސް ސަރުކާރަކުން ލިބުނު މޮޅެއް ނެތެވެ. ގާނޫނު އަސާސީގެ 23 ވަނަ މާއްދާ އޮތީ ހަމައެކަނި ލިޔުނު ތަނުގަ އެވެ. ކޮންމެ ސަރުކާރަކުން ވެސް ނިކަމެތި ރައްޔިތުންނަށް ހިންގަން އޮންނަނީ އެންމެ ސިޔާސަތެކެވެ. އެއީ ނިކަމެތި ރައްޔިތުން ނިކަމެތި ކުރުމުގެ ސިޔާސަތެވެ.

ރައްޔިތުން ނިކަމެތި ކުރުވި ވަރަކަށް ވެރިކަމުގައި ދެމި ތިބެން ފަސޭހަވާނެތީ އެވެ. އެގޮތުން އެއްމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ، ލާމަރުކަޒީ އުސޫލުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް އަޅުވެތިކުރަން ފެށުމެވެ. ލާމަރުކަޒު ކުރުމާއި އަޅުވެތި ކުރުމުގެ ސިޔާސަތު ހިންގަން ފެށުމެވެ.

ޒަމާނުއްސުރެން ރަށްރަށުގެ ރަށް ކުރިއަރުވާ ކޮމެޓީތަކުން ހިންގަމުން ގެންދިޔަ އިންޖީނުގެތަކާއި، ބޭސް ފިހާރަތަކާއި، މި ނޫން ވެސް ރައްޔިތުންގެ ގޮތުގައި ކުރަމުންދިޔަ ވިޔަފާރިތަކާއި، ދެމުން ގެންދިޔަ ޚިދުމަތްތައް، ސަރުކާރުގެ އެކި ކުންފުނިތަކަށް ބަދަލު ކުރި އެވެ.

ރައްޔިތުން އިންތިޚާބު ކުރި ކައުންސިލްތައް ބާރުވެރި ކުރުވަން އޮތް އެލްޖީއޭ އޮތީ ނިދާ އެވެ. އައްޑޫ ސިޓީ އަށް ބަލާލާ އިރު، އައްޑޫ ޕަބްލިކް ވޯކްސްއަކީ މީގެ ކުރީން އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން ހިންގަމުންގެން ދިޔަ ޔުނިޓެކެވެ.

މި ޔުނިޓަކީ، ޔުނިޓްގެ ވެހިކަލްތައް ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީން ވެހިކަލްތައް މަރާމާތުކޮށް މުވައްޒަފުންނަށް މުސާރަ ދެވޭ ވަރަށް އާމްދަނީ ވެސް ލިބެމުންދިޔަ ޔުނިޓެކެވެ.
އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން މި ޔުނިޓް ހިންގި އިރު، މަގު މަރާމާތު ކުރުމަށްޓަކައި، ސިޓީ ލިޔަން ޖެހޭ ކުންފުންޏެއް އޮފީހެއް ނެތެވެ. އަތޮޅުވެރިޔާ އެ ކަމެއް ކުރުމަށް އެންގެވުމުން ދެން އެކަމަކަށް ހުރަސް އަޅާނެ ބޯޑު ޑިރެކްޓަރެއް، ޗެއާމަނެއް ނުހުރެ އެވެ.

ނަމަވެސް، މިއަދުގެ ހާލަތު އެހެންތޯ އެވެ؟ ލާމަރުކަޒު ކުރުމުގެ ނަމުގައި، މަގު މަރާމާތުކޮށް ބަލަހައްޓާ ޔުނިޓްގެ ހުރި ހުރިހާ ވެހިކަލްތަކާއި އެސެޓްތަކެއް، ސަރުކާރުގެ ކުންފުންޏެއްގެ ދަށަށް ބަދަލުކޮށް، ސަރުކާރުން ބޭނުންވާ ގޮތަކަށް، އެދަނީ ކަންތައްތައް ކުރަމުންނެވެ.

ރައްޔިތުން އިންތިޚާބު ކުރި ކައުންސިލަށް ޖެހެނީ ބޯޑު މެމްބަރަށް އާދޭސް ކުރުމާއި، މިނިސްޓަރަށް ސިޓީ ލިޔުމާއި، މާލިއްޔަތު ކޮމެޓީއަށް ގޮސް މަގު ނުހެދޭތީ ފައިސާ ހޯދުމަށް އާދޭސް ކުރުމެވެ.
ލާމަރުކަޒީ ގާނޫނުގައި އޮތީ މަގުތައް ހަދައި، މަގު މަރާމާތުކުރުމުގެ ޚިދުމަތް ކައުންސިލުން ދޭން ވާނެ ކަމަށެވެ. މި ގާނޫނުގެ ވާހަކަ ސަރުކާރު ހިންގާ ޕާޓީގެ ކައުންސިލަރަކު ބުނެފިއްޔާ އޭނާ އެވަނީ ސަރުކާރާ އިދިކޮޅުވެފަ އެވެ. ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ މެމްބަރަކު މި ވާހަކަ ދައްކައިފިއްޔާ އޭނާ ވެގެން ދާނީ ސަރުކާރަށް ޖެއްސުން ކުރާ މީހެއްގެ ގޮތުގަ އެވެ.

ދެން އޮތީ އިންޖީނުގޭގެ ވާހަކަ އެވެ. އައްޑޫ އިންޖީނުގެއަކީ މާލޭ ފިޔަވައި ލިބޭ އެއްޗަކުން ދެކޮޅު ޖައިސައިގެން ހިންގަމުން ގެންދިޔަ ހަމައެކަނި އިންޖީނުގެ އެވެ.

ނަމަވެސް ލާމަރުކަޒު ކުރުމުގެ ނަމުގައި، ގެއްލުމާއެކު ހިންގަމުން ގެންދިޔަ ފުވައްމުލަކު އިންޖީނުގެ ހިމެނޭ ގޮތަށް އައްޑޫގެ އިންޖީނުގެ ސަރުކާރުގެ ކުންފުންޏަކާ ހަވާލު ކުރި އެވެ. އޭގެ ފަހުން ފުވައްމުލަކު އިންޖީނުގެ ހިންގަން ޖެހުނީ އައްޑޫގެ ވިޔަފާރިތަކުން ކަރަންޓުގެ އަގު ބޮޑުކޮށް އިތުރަށް ފައިސާ ހޯދައިގެންނެވެ. ސިޔާސީ ބޭނުމަކަށްޓަކައި ކުންފުންޏަށް އިތުރު ކުރެވުނު މުވައްޒަފުންނާއި ބޯޑު މެމްބަރުންގެ މުސާރަ ވެސް ހަމަޖައްސަން ޖެހުނީ ރައްޔިތުންގެ ފައިސާއިންނެވެ.

ލާމަރުކަޒީ ގާނޫނުގައި އޮތީ، ކަރަންޓާއި، ފެނާއި، ފާޚާނާއާއި، ނަރުދަމާގެ ނިޒާމުފަދަ ޢާއްމު ޚިދުމަތްތައް ކައުންސިލުން ދޭން ޖެހޭނެ ކަމަށެވެ.

ނަމަވެސް، މި ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި، ސަރުކާރުން ދޭން ޖެހޭ ހުރިހާ ފައިސާ އަކާއި، ލޯނު ގެރެންޓީތައް ކައުންސިލަށް އެނގުމެއް ނެތި ސަރުކާރުން ދެމުންގެން ދިޔައީ ސަރުކާރުގެ ކުންފުންޏަށެވެ.

އެ ކުންފުނިން ކުރާ އެއްވެސް ކަމަކާއި ގުޅޭ ގޮތުން ކައުންސިލުން ވާހަކަ ދެއްކުމަކީ ސަރުކާރާއި އިދިކޮޅުވުމުގެ އަމަލެކެވެ. ސަރުކާރު ހިންގާ ޕާޓީގެ ކައުންސިލަރަކު އެގޮތައް އަމަލުކޮށްފި ނަމަ، ކުންފުނީގެ ބޯޑުން ޚަރަދުކޮށްގެން އޭނާ އާ ދެކޮޅަށް މުޒާހަރާ ކުރުވާ، އޭނާ އިންތިޚާބުވީ ދާއިރާގެ ރައްޔިތުންގެ ނަމުގައި ޕެޓިޝަނެއް ހަދައި، ޕާޓީގެ ގައުމީ މަޖިލީހަށް ފޮނުވުމަށް ފަހު، ކައުންސިލަރުކަމުން ވަކިކޮށްލާނެ އެވެ.

ލާމަރުކަޒީ ގާނޫނުގެ 199 ވަނަ މާއްދާ އިސްލާހު ކުރުމުގެ ކުރީން އެކަން އޮތީ އެގޮތަށެވެ. ސާކް ސަމިޓް ތެރޭގައި މި ދެންނެވި ކުންފުނިން 30 މިލިޔަން ރުފިޔާގެ ކޮރޮޕްޝަން ހިންގާފައިވާ ކަމަށާއި، އެކުންފުންޏާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ގަވާއިދާ ޚިލާފަށް މިލިޔަނުން ފައިސާ ދީފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓްގައި އެއޮތީ ލާމަރުކަޒު ކުރިލެއް ފުރިހަމަކަމުންނެވެ.

ކުރިއަށް އޮތީ، ނިކަމެތި ރައްޔިތުންގެ އަޑު މާލޭ ސަރުކާރަށް އިއްވުމަށްޓަކައި މެމްބަރުން އިންތިޚާބުކުރާ މޫސުމެވެ.

ނިކަމެތީންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން އިތުރަށް އެރައްޔިތުން ނިކަމެތި ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަކީ، ކޮންމެހެން ސަރުކާރުން ކުރަން ޖެހޭ ކަމެކެވެ.
އެހެންކަމުން، ބޮޑެތި މަހުޖަނުންނާއި، ބޮޑުންގެ ބޮޑުން އެގެންދަވަނީ ލާރި ބައްސަވަމުން ކެންޕޭން ކުރައްވަމުންނެވެ. ޤާނޫނުގެ ބާރު ރަށަށް ގެނައުމުގެ ނަމުގައި އެއްބަޔަކު ކެންޕޭން ކުރަމުންދާ އިރު، އަނެއްބަޔަކު ބުނަމުންދަނީ، ސަރުކާރާއި ގުޅިގެން، މެނިފެސްޓޯ ތަންފީޒު ކުރާ ވާހަކަ އެވެ.

ހަޤީގަތަކީ އެގޮނޑިއަށް އިންތިޚާބުވުމަށްޓަކައި އޭނާ އެކުރާ ޚަރަދު ފޫބެއްދުމަށްފަހު ނޫނީ އެހެންކަމެއް އެގޮނޑީގައި ހުރެގެން ނުކުރާނެކަމެވެ. އެ ގޮނޑި އަށް ކުރި އިންވެސްޓްމަންޓް ފޫބެއްދުމަށް ފަހު، ސާފު ފައިދާވާ ގޮނޑިއެއްގެ ގޮތުގައި، އޭނާގެ ދައުރު ނިމެންދެން އެ ގޮނޑި ދަމަހައްޓާނެ އެވެ.

އެކަން ކުރަން ޖެހެނީ ގޮނޑި ވިއްކާލައިގެން ނަމަ އެކަން ވެސް އޭނާ ކުރާނެ އެވެ. ސަރުކާރު ހިންގާ ޕާޓީން އިންތިޚާބުވެއްޖެ ނަމަ ލާމަރުކަޒީ އުސޫލުން އޭނާ އިންތިޚާބުވީ ދާއިރާގެ ރައްޔިތުން ކޮންޓްރޯލު ކުރުމަށްޓަކައި، އޭނާގެ ތިމާގެ މީހުންނާއި ގާތް ރަހުމަތްތެރިންނަށް ފެން ކުންފުންޏާއި ކަރަންޓު ކުންފުނީގެ ބޯޑު މެމްބަރުކަން ހޯދައި ދޭނެ އެވެ. (ނުނިމޭ)

ނޯޓް: މިއީ އައްޑޫ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާ ކައުންސިލަރު ހަސަން ޝާހިދު ލިޔުއްވާފައިވާ އާޓިކަލެކެވެ.