އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރި ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ، މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ ނާސިން ހުއްދަ ބާތިލުކޮށްފިއެވެ.
މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ދެމީހުންގެ މައްޗަަށް ދައުވާ ކޮށްފައިވާ ކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެ ދެމީހުންނަށް ދޫކޮށްފައިވާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އަދި ރަޖިސްޓްރީ ބާތިލުކޮށް، އެ ކައުންސިލްގެ ނަރުހުންގެ ދަފްތަރުން ދާއިމީކޮށް އުނިކޮށްފައިވާކަމަށެވެ.
ފިލިޕީންސްގެ އަންހެން ނަރުސް މީހާގެ މަރުގެ މައްސަލާގައި މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.