އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަލަ ބެލުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު، މަޖިލީހުގެ 241 ކޮމިޓީގައި އެދިވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަ ބެލުމަށް ރައީސް ނަޝީދު 241 ކޮމިޓީގައި އެދިފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
އެގޮތުން އެ މައްސަލަ ބަލައިދިނުމަށް އެދި ރައީސް ނަޝީދު 241 ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލައަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އިންޑިއާ އަކީ އެތަކެއް ހާސް ދިވެހިންނެއް އެ ގައުމުގައި ދިރިއުޅެމުން އަންނަ ގައުމަކަށްވާއިރު 'އިންޑިއާ އައުޓް'ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދު މިފަދަ ސީޓީއެއް 241 ކޮމިޓީއަށް ފޮނުވާފައިވާކަން ހާމަވެފައިވާއިރު، "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް އަމާޒުކޮށް އެމްޑީޕީގެ މެމްބަރުން ވަނީ ބިލެއްވެސް ޑްރާފްޓް ކޮށްފައެވެ. އެ ބިލު އަދި މަޖިލީހަށް ހުށަހަޅާފައިނުވާއިރު، އެ ބިލުގައި ވާގޮތުން އޭގައި ފާހަގަކޮށްފައިވާފަދަ ކުށެއް ކޮށްފިނަމަ، އެ އަމަލެއްގެ ކުޑަބޮޑު މިނަށްބަލައި، ގިނަވެގެން 20،000 ރުފިޔާއިން ޖުރިމަނާކުރުން ނުވަތަ އެއް އަހަރަށްވުރެއް ދިގުނޫން މުއްދަތަކަށް ގޭބަންދުކުރުން ނުވަތަ ހަ މަސްދުވަހަށްވުރެއް ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ހިމަނާފައިވެއެވެ.
އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި މި ބިލާމެދު މަޝްވަރާ ކުރެވޭއިރު، މި ޑްރާފްޓް ބިލަށް އިތުރު ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.