Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

"ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022" ރަސްމީކޮށް އިފްތިތާހު ކޮށްފި

"ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022" ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ހުނަވަރު ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކިވަޒީފާތަކަށް ހޯދުން ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ހުނަވަރު ޕްރޮގްރާމް ބެހިގެން ވަނީ 2 ބަޔަކަށެވެ. އެއީ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމްއާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ.

މިއަހަރު މި ޕްރޮގްރާމްގެ ދަށުން 140 މީހުން ތަމްރީނުކުރުމަށް ފުރުޞަތު ހުޅުވާލެވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ވެލްޑިންގް، މެރިން އަދި ޓަގް މެކޭނިކް މަސައްކަތް، ހެވީވެހިކަލް އޮޕަރޭޓަރުން، ޓިންކަރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވި ގެންދާނެ ކަމަށް އެމްޓިސީސީން މައުލޫމާތުދެއެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިޔަކުވެސް 3 މަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރެވިގެންދާނެކަމަށާއި، މި ޕްރޮގްރާމްގެ ބައިވެރިންނަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެއެވެ. މީގެ އިތުރުން ވޯރކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިއަހަރު ފުރަތަމަ ކުއަޓަރުގައި މިޕްރޮގްރާމްގެ އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި ، ލ. ފޮނަދޫ އަދި މާލޭގައެވެ. މިގޮތުން ފެބްރުއަރީ 4 ގައި ހދ. ކުޅުދުއްފުށި، ފެބްރުއަރީ 5 ގައި މާލެ، އަދި ފެބްރުއަރީ 6 ގައި ލ. ފޮނަދޫގައި އޯޕަންޑޭ ބޭއްވުމަށްވަނީ ހަމަޖެހިފައިވެއެވެ.