އިއްޔެ މެންދުރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހިތަދޫ ދެގެއެއް ރެއިޑްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ސާމާނާއި އެކު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.
ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މަނިކު ބޯޅަ ދަނޑު ސަރަހައްދުގައި ހުންނަ ދޮނަކުޅިގެއާއި ހިތަދޫ ޑިވައިންޓެސްޓްގެ ބަލައި ފާސް ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވަނީ ދޮނަކުޅިގެއިންނެވެ. އަދި މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ސާމާންތައް ފެނިފައިވަނީ ޑިވައިން ޓެސްޓްގޭގެ ގޯތި ތެރޭގައި ވަޅުލާފައި ހުއްޓާއެވެ.
ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ދޮނަކުޅިގޭގެ ކޮޓަރިއެއްގެ ތެރޭގައި އޮތް ލެޕްޓޮޕް އަޅާ ދަބަހަކުން 127،240 ރުފިޔާ ފެނިފައިވާ ކަމަށެވެ. އަދި ފައިސާ އަކީ އެގޭ ހަސަން ފަރީދުގެ ފައިސާ ކަމަށް ބުނެފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ އެގޭގެ އެހެން ކޮޓަރިއަކުން އިތުރު 51583 ރުފިޔާ ފެނިފައިވާ އިރު އެގޭ ހަސަން ފަރީދުގެ ވޮލެޓުން އިތުރު 53020 ރުފިޔާ ފެނިފައިވާ ކަމަށެވެ. އަދި އެގޭގެ ކޮޓަރި ތެރެއިން 2 ބެނެޓް އާއި ބަނގުރާ ހުސްކުރި ފުޅިއެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެގެއިން މަސްތުވާ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށެވެ.
ޝިފާން ވިދާޅުވީ އިއްޔެ 2 ވަނައަށް ފުލުހުން ވަދެފައިވަނީ ޑިވައިންޓެސްޓްގެއަށެވެ. އެގެއަށް ފުލުހުން ވަދެފައިވަނީ އެގޭގެ ކުރިމަތިން އަދި ފުރަގަހުން އެއްބަޔަކު ވަންނަ ގޮތަށެވެ. އެގޮތުން ފުލުހުން އެގެއަށް ވަނުމާއި އެކު ބާރުގަދަ އަޑެއް ގޮވުމުން ފުލުހުން ބެލިއިރު އެގޭގެ ކޮޓަރިއެއްގެ ބިއްލޫރގަނޑު ތަޅާލައި މީހަކު ނިކުމެ ދުއްވައިގަތުމުން ފުލުހުން ވަނީ އޭނާ ފަހަތުން ގޮސް އަތުލައިގެންފައެވެ.
ފުލުހުން ބުނީ ބިއްލޫރިގަނޑު ތަޅާލައި ދުވެ ފިލަން އުޅުނީ ދޮނަކުޅިގޭ ފިރާގް އަބްދުއް ރަހީމްއެވެ.

ޑިވައިންޓެސްޓް ގެ ބަލަމުން ދަނިކޮށް އެގޭގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަލާފައި އޮތް ދެޕެކެޓް ފެނިފައިވެއެވެ. އަދި އެކޮޓަރި ތެރެއިން މަސްތުވާ ތަކެތި ބަންދުކުރަން ބޭނުން ކުރާ ޒާތުގެ ކުދި ޕެކެޓް ތަކާއި ކަޓަރު ތިލަ ބޮޑިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ޑިވައިންޓެސްޓްގެ އިތުރަށް ބަލަމުން ދަނިކޮށް އެގޭގެ ކޮޓަރިއެއްގެ ތެރޭގައި ނިދާފައި ތިބި 3 މީހަކު ވެސް ވަނީ ފުލހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.
ޝިފާން ވިދާޅުވީ މި އޮޕަރޭޝަނުގައި ޑިވައިންޓެސްޓް ގޯތި ތެރޭގައި ވަޅުލާފައި އޮތް ވިކްސް ބާލް ހުސްކުރި ފުޅިއެއްގެ ތެރެއިން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ 4 ޕެކެޓް ފެނިފައިވާކަމަށެވެ. އަދި އެގޭގެ ގޯތީގެ އިތުރު ތަނަކުން ފެނުނު ހުދު ކުލައިގެ ހުސް ގޯންޏެއްގެ ތެރޭގައި އޮތް ނޫކުލައި ކޮތަޅެއްގެ ތެރެއިން މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަމަށެވެ.
ޝިފާން ވިދާޅުވީ މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން އިތުރަށް ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.