ޕީޕީއެމުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައި "އިންޑިއާ އައުޓް" ގެންގުޅޭތީ އެމްއެންޕީގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރާ ކެނޑިޑޭޓް އަބްދުލްހަންނާން އިދުރީސް އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.
ރޭ އެމްއެންޕީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ހަންނާނު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާ ދިމާކޮށް ކެމްޕޭނެއް ފުރަތަމަ ފެށީ އެމްއެންޕީން ކަމަށާއި، ދެންއޮތް ބޮޑު ދެޕާޓީއަށްވެސް އިންތިހާބަށް ކަމެއް ކުރަން ޖެހޭކަން އެނގުނީ އެހިސާބުން ކަމަށެވެ.
އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓަށް ފާޑުވިދާޅުވަމުން ހަންނާނު ވިދާޅުވީ، އެ ކެންޑިޑޭޓް އުޅުއްވަނީ "އެއްދުވަހު އެއް ޕާޓީއަށް ސޮއިކޮށް އަނެއް ދުވަހު އަނެއް ޕާޓީއަށް ސޮއި ކުރުމުގައި" ކަމަށެވެ.
ޕީޕީއެމްގެ ކެނޑިޑޭޓް ކޮމަންޑޫ ދާއިރާގައި ކުރަމުން އަންނަޏީ "އިންޑިއާ އައުޓް" ކެމްޕޭންކަން ފާހަގަކޮށް ހަންނާނުވަނީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ އަނެއް ކެނޑިޑޭޓް މިއުޅެނީ، އަޅުގަނޑުމެންނަށް ދިމާވެފައިހުރި މައްސަލަތައް އޮށްވާ ވަކިވައްތަރެއްގެ ޓީޝާޓެއް ލައިގެން ކޮންމެސް ކަހަލަ އައުޓެއް ޖަހައިގެން އެ މަސައްކަތް ކުރުމަށްޓަކައި. އިހުލާސްތެރި މަސައްކަތެއް ކުރާކަމަށްވަންޏާ، ކޮމަންޑޫގަ ނަޖިސް ބޭރުކުރެވޭނެ ގޮތެއް ނެތް، މަރޮށީގަ އަދި ފޯކައިދޫގަ ނަޖިސްބޭރު ކުރެވޭނެ ގޮތެއް ނެތް. އެހެންމާ ޓީޝާޓުގައި ޖަހަންވީ ނަޖިސް އައުޓެއް ނޫންތޯ. ކަމާ ނުގުޅޭ ކަންކަން ޓީޝާޓުގައި ޖަހައިގެން މަސައްކަތް ކުރުމުގެ މާނައެއް ނެތް." ހަންނާނު ވިދާޅުވިއެވެ.
ހަންނާނު ވިދާޅުވީ މިއަދު ސަރުކާރުން ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްގެންދާއިރު، އެ މަސައްކަތްތައް ހުއްޓިފައި ހުރި ވާހަކަ ދެއްކީ އެމްއެންޕީން ކަމަށާއި، ސަރުކާރުގެ ސަމާލުކަމަށް އެކަންކަން އައީ އެމްއެންޕީން އެވާހަކަ ދެއްކުމުންކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރާނީ އެމްއެންޕީން ކަމަށް ހަންނާނު ވިދާޅުވިއެވެ.