Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

02.02.2022 ގައި ފެމިލީ ކޯޓުން 39 ކައިވެނި ކޮށްދޭނެ

މާދަމާ ފެމިލީ ކޯޓުން 39 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާކަން ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.

މާދަމާގެ ތާރީހަކީ [02.02.2022] މިއަހަރުގައި އަންނާނެ އެންމެ ރީތި ތާރީހުތަކުގެ ތެރެއިން އެއް ތާރީހެވެ.

ފެމިލީ ކޯޓުން ބުނެފައިވަނީ މާދަމާ އެ ކޯޓުން 39 ކާވެނި ޢަޤުދުކޮށްދިނުމަށް ހަމަޖެހިފައިވާރު އޭތެރެއިން ކޯޓުގައި 28 ކާވެނި ކުރުމަށް ހަމަޖެހިފައިވާކަމަށާއި، ކޯޓުން ބޭރުގައި 11 ކާވެނި ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިދިޔަ އަހަރު ފެމިލީ ކޯޓުން އެންމެ ގިނަ ކައިވެނި ކޮށްދީފައިވަނީ 21-12-2021 ގައެއެވެ. އެދުވަހު ފެމިލީ ކޯޓުން 57 ކާވެނި ޢަޤުދުކޮށްދީފައިވެއެވެ.

ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކޯޓުން ކައިވެނި ކޮށްދިން އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް ވަރިވެސް ކޮށްދީފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކޮށްދިންއިރު 1192 ވަރި އެ ކޯޓުން ރަޖިސްޓްރީ ކޮށްފައިވެއެވެ.