Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

ކޮންޓެކްޓުން ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ، ކަރަންޓީން ވާންނުޖެހޭގޮތް ހަދައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށްޖަހާ ވެކްސިން ފުރިހަމަކޮށްފައިވާނަމަ ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީން ވާން ނުޖެހޭ ގޮތް ހަދައިފިއެވެ.

އެޗްޕީއޭއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާކަމަށް ދެން ބަލާނީ، "ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައި، އަދި ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފާއިތުނުވާނަމަ އަދި ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފާއިތުވެފައިވާނަމަ، ބޫސްޓަރ ޑޯޒް ފުރިހަމަ ކޮށްފައިވާނަމަ" ކަމަށެވެ.

އެޗްޕީއޭއިން މިއަދު ބުނެފައިވަނީ، ކޮވިޑު-19 އަށް ޕޮޒިޓީވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުވާން ނުޖެހޭނެކަމަށެވެ. ކޮވިޑު-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެންޓިޖެން ނުވަތަ ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށާއި، އަދި ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަންޖެހޭނެކަމަށެވެ. މިގޮތަށް ޢަމަލުކުރެވޭނީ ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ކޮންޓެކްޓު ވެފައިވާ މީހުންނަށް ކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

އަދި ކޮވިޑު-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ޕޮޒިޓިވްވި މީހާއާ އެންމެ ފަހުން ދިމާވި ތާރީޚުން ފެށިގެން 5 ދުވަސް ވުމުން ޕީ.ސީ.އާރު ޓެސްޓެއް ހަދަންޖެހޭނެކަމަށެވެ.

ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުން ކޮވިޑު-19 އަށް ޕޮޒިޓީވްވާ މީހުންނާ އެކުގައި އުޅޭނަމަ އަމަލުކުރަންޖެހޭ ގޮތް:
1. ކޮވިޑު-19 އަށް ޕޮޒިޓިވްވި މީހާގެ އެކަހެރިވުމުގެ މުއްދަތު ނިމެންދެން ކަރަންޓީނުގައި ހުރުން
2. ކޮވިޑު-19 އަށް ޕޮޒިޓިވްވި މީހާގެ އެކަހެރިވުމުގެ މުއްދަތު ހަމަވުމުން ޕީ.ސީ.އާރު ޓެސްޓް ހެދުން. އަދި މި ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން. ނަތީޖާ ނެގެޓިވް ވެއްޖެނަމަ އިތުރަށް ކަރަންޓީނުވާން ނުޖެހުން
3. ޓެސްޓުގެ ނަތީޖާ ނެގެޓިވް ވީ ނަމަވެސް ކޮވިޑު-19 އަށް ޕޮޒިޓިވްވާ މީހުން އެކަހެރިކުރުމުގެ މުއްދަތު ހަމަވާތާ 5 ދުވަސްފަހުން ކޮވިޑު-19 އަށް އިތުރު ޕީ.ސީ.އާރު ޓެސްޓެއް ހެދުން

އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑު-19 ގެ ޓެސްޓުކުރުމަށް އެންޓިޖަން ޓެސްޓްގެ ސެލްފު ކިޓެއް ބޭނުންކޮށްގެން ގޭގައި ކޮވިޑު-19 އަށް ޓެސްޓު ކުރަންވާނީ ކޮވިޑް-19 ގެ އަލާމާތެއް ހުންނަ މީހުންކަމަށެވެ. އަދި އެންޓިޖަން ސެލްފްކިޓް ބޭނުންކޮށްގެން ޓެސްޓް ހަދާ ފަރާތްތައް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެނަމަވެސްއެ ފަރާތްތަކަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމަންޓް ދޫކުރެވޭނީ ކޮވިޑު-19 އަށް ޓެސްޓުކުރުމަށް ރަޖިސްޓަރ ކޮށްފައިވާ ލެބަކުން ނުވަތަ ޞިއްޙީ ފަރުވާދޭ ތަނަކުން ކޮވިޑް-19 އަށް އެންޓިޖަން ނުވަތަ ޕީ.ސީ.އާރ ޓެސްޓު ހެދުމުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.