Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

އެމްޑީޕީ ކެނޑިޑޭޓްގެ ކެމްޕޭން ޓީމާ އިމްރާން ބައްދަލުކޮށްފި

ފޮޓޯ: އެމްޑީޕީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓްގެ ކެމްޕޭން ޓީމާ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝީދްގެ ކެމްޕޭން ޓީމާ އަދާލަތު ޕާޓީގެ ފަރާތުން ބައްދަލުކުރެއްވީ އެޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރުއެވެ.

ރާޝީދުގެ ކެމްޕޭން ޓީމްގެ ފަރާތުން އިސްކޮށް ތިއްބެވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ. މި އިންތިހާބަށް ތިން ޕާޓީންވެސް އަންނަނީ ފޯރީގައި ކެމްޕޭން ކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްގު 3،309 މީހަކަށް ލިބިގެންވެ އެވެ. ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށި އެވެ.

ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.