Last Updated: June 30, 04:45
Tuesday, June 30, 2026
ސިޔާސީ

މައްސަލަ ޖެހި އެމްޑީޕީ ފްރައިމަރީ ކެންސަލް!

މިއަދު މެންދުރު 2:00ގައި ފެށި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީން ވާދަކުރާ މެމްބަރުންގެ ޕްރައިމަރީ ވޯޓުލުން ގިނަ މައްސަލަތައް ކުރިމަތިވެގެން މެދުކަނޑާލައިފިއެވެ.

އެމްޑީޕީގެ އައްޑޫ އިސް އޮފިޝަލަކު ވިދާޅުވީ ޕްރައިމަރީ ވޯޓުލުން މުޅި ރާއްޖޭގައިވެސް މިހާރު މެދުކަނޑާލައިފާ ކަމަށެވެ. އަދި މިރޭ 8 އަކާއި 12 އާއި ދެމެދު ވޯޓުލުން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ގައުމީ ކައުންސިލުން މަސައްކަތް ކުރާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށެވެ.

އެމްޑީޕީގެ ވޯޓުލުން މެދުކަނޑާލަން ޖެހުނީ ލިސްޓް ތަކުގެ މައްސަލަ އާއި ބައެއް ތަންތަނަށް ފޮނުވާފައި ހުރި ވޯޓު ކަރުދާހުގައި މައްސަލަ ހުރުމުންނެވެ. އެގޮތުން ހިތަދޫ މެދު ދާއިރާގެ ވޯޓު ކަރުދާހުގައިވެސް ވަނީ މައްސަލަ ޖެހިފައެވެ.mdp2

މައުލޫމާތު ލިބިފައިވާ ގޮތުގައި އެދާއިރާގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވަނީ ކެންޑިޑޭޓުންނަށް ކުރިން ދީފައިވާ ގޮތަށް ނޫނެވެ. ކުރިން އެދާއިރާއިން ތިން ކެންޑީޑޭޓުން ނަން ހުށަހެޅި ނަމަވެސް މިހާރު މެދު ދާއިރާ ތަމްސީލް ކުރާ މެޓްރިކްސް މޯޑް ޕީޕީއެމް އާއި ގުޅުމުން އެދާއިރާގެ އިންތިހާބްގައި ވާދަކުރަން ތިބި ދެ ކެންޑިޑެޓުންގެ ކެންޑިޑޭޓް ނަންބަރު ވަނީ ވޯޓު ކަރުދާހުގައި ނުބައިކޮށެވެ. އެހެންވެ އެމައްސަލަ ވެސް ވަނީ ކުރިމަތިވެ ކަނޑައެޅި ވަގުތުގައި އެދާއިރާ ވޯޓުލުން ވަނީ ކުރިއަށް ނުގެންދެވިފައެވެ.

އަދި މަރަދޫފޭދޫ/ މީދޫ ދާއިރާގެ ވޯޓު ލިސްޓްގައި ވެސް މައްސަލަ ހުރިކަމަށް އެތަނުގައި ހުރި އޮފިޝަލަކު ބުންޏެވެ.

mdp3

ވޯޓާސް ލިސްޓް މައްސަލާގައި ހުޅުދޫގައިވެސް ވަނީ ވޯޓުލުން ނުބޭއްވިފައެވެ. ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ ހުޅުދޫގައި ވޯޓް ލާން ފެށޭގޮތެއްނުވީ ހުޅުދޫގައި ވޯޓްލުމަށްޓަކައި ފައިނަލް ލިސްޓް ލިބުނުއިރު އެލިސްޓްގައި ރަށުގައި ދިރިއުޅޭ ބައެއް މީހުން އޮޅުވާލައިގެން މާލޭގެ ލިސްޓްގައި ހިމެނިފައިވުމާއި ބައެއް މީހުންގެ ނަން ލިސްޓްގައި ނެތުމުންނެވެ.

ލިސްޓް މައްސަލާއި ގުޅިގެން ވޯޓުލާ ސަރަހައްދުގައި އެއްބަޔަކު އަނެއްބަޔަކަށް ޒުވާބުކޮށް ހެދިކަމަށް ހުޅުދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު އެއް ކެންޑިޑޭޓް އަނެއް ކެންޑީޑޭޓަށް އެންޓި ކެންޕެއިން ކުރުމާއި ބައެއް ކެންޑިދޭޓުންގެ ކެމްޕެއިން ސާމާނަށް ގެއްލުން ދީފައިވެސް އެބަހުއްޓެވެ. އެގޮތުން ފޭދޫ ދާއިރާގެ ޕްރައިމަރީއަށް ވާދަކުރާ ނިހާދުގެ ކެމްޕެއިން އޮފީހުގެ ބިއްލޫރިގަނޑުވެސް ވަނީ ތަޅާލާފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ މެންދުރު 2:00 އިން ފެށިގެން ރޭގަނޑު 8 ޖެހުމާއި ހަމައަށެވެ. ނަމަވެސް އެއް ބަޔަކު ވޯޓުލާފައިވަނިކޮށް ވޯޓު ލުން މެދުކަނޑާލުމާއި ގުޅިގެން އާއްމު މެމްބަރުން ހަދާނެ ގޮތް ހުސްވެފައި ވޯޓުލާ ބައެއް މަރުކަޒުތަކުގައި މަޑުކޮށްލައިގެން އެބަތިއްބެވެ.