Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

ހަމަލާއިން ނަޝީދު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ލިބުނު އިތުރު ދިރުމެއް: ރައީސް ސޯލިހް

ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއިން އެ މަނިކުފާނުގެ ފުރާނަ ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު އިތުރު ދިރުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުންނަށްޓަކައި ރައީސް ނަޝީދު ކުރެެއްވި މަސައްކަތްޕުޅަކީ މިސާލެއް ކަމަށެވެ.

"މާތް اللهގެ އޯގާވަންތަކަމާ ރަހްމަތްފުޅުން މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ލިބުނު އިތުރު ދިރުމެއް. ރާއްޖޭގެ އިންސާނީ ހައްޤުތައް ދިރުވާ އާލާކުރުމަށް ލިބުނު އިތުރު ހަކަތައެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެ ނުރައްކާތެރި ހަމަލާގެ ކުށައެކީ ބޮޑު އެހެންކަމެއް ސާބިތު ވެގެން ގޮސްފައިވާކަމަށެވެ.

އެކަމަކީ "މުޖުތަމައުގެ ތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިން" ކަމަށާއި، އަދި ދީނުގެ ނަމުގައި ހިންގާ ނުރައްކާތެރި އަދި އަނިޔާވެރި އަމަލުތައް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުކަމާ ބުރަކަން ހާމަވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިޤުލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުސަތެއް ނުދޭނެކަމަށެވެ. އަދި "ދިވެހިންގެ އަމާމް ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާ ހަތުރުވެރިކަމާ އަދާވާތްތެރިކަމަށް ވެރިވެއެއް ނުގަނެވޭނެ" ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ދީނުގެ ނަމުގައާ ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފަތުރާ މީހުންގެ ފުރާނައާ މުދަލަށް ގެއްލުންދޭ މީހުންނަށް އިސްލާމްދީނުގެ ސައްހަ އަޤީދާ ހާމަކޮށްދިނުމުގާ ދީނީ އިލްމުވެރިންގެ އެހީތެރިކަމާއެކު މިއަދުގެ "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ކުރިއަށް ގެންދާނެކަމަށެވެ.