Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްދޭ އިނާޔަތް ބޮޑުކުރަން ނިންމައިފި

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް ބޮޑުކުރަން ނިންމައިފިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ޖިސްމާނީ އުނިކަމެއް ތަޙަންމަލުކުރަން ޖެހުމަކީ އެއްވެސް އިންސާނެއްގައި ހުންނަ އުނިކަމަކުން ވާކަމެއްނޫން ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ "ނުކުޅެދުންތެރިކަމަކާ ހުރެ އަނެކާއާ މެދު ދެކޭގޮތް ބަދަލުވެ ދެރަވަރު ކުރުމަކީ މާބޮޑު ނުކުޅެދުންތެރި ކަމެއް" ކަމަށެވެ.

މިހާތަނަށް އައިއިރުވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް ނެތްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެ ދަފްތަރު އެކުލަވާލާ އެމީހުންނަށްދޭ އިނާޔަތް މި އަހަރުގެ ފަހު ކުއާޓަރގައި ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ.

"މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާ ތަފްޞީލް އެނގޭ ޤައުމީ ދަފްތަރެއް ނެތް. މިފަދަ ދަފްތަރެއް އެކު ލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެ ދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާ ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ޚިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަޞީލަތް ކަމުގައިވާނެ. މިދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާޓަރގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން. ޤައުމިއްޔަތުގެ މައިވަންތަ އުނގުގާ ކޮންމެ ދިވެއްސަކީވެސް ކުޅެދޭ ހަމަހަމަ ދިވެހި ދަރިއެއް" ރައިސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގާ ސަރުކާރު ދެމިއޮންނާނެ ކަމަށެވެ.

އަދި ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްގެ ތަޢުލީމީ ދާއިރާއިން ރާއްޖޭގާ މިންތީގެ ފަރަގު ބޮޑުތަނުން ކުޑަކުރެވިފައިވީނަމަވެސް، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެމުން އަންނަ އިނާޔަތް ކުޑަކަން އެ ފަރާތްތަކުންވެސް އަދި އެޗްއާރްސީއެމްއިން ވެސް ފާހަގަކުރަމުން އައިސްފައިވެއެވެ. މިއާއެކު އެފަރާތްތަކުގެ ކަންބޮވުމަށް ހައްލެއް ލިބިގެން ދާނެކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.