Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

މަރުތަކަށް އިންސާފު ހޯދުމުގާ އުންމީދު ކުރިވަރަށް ވުރެ މާބޮޑުތަން ލަސް: ރައީސް ސޯލިހް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދު ކުރިވަރަށް ވުރެ ލަސް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގާ އުންމީދު ކުރިވަރަށް ވުރެ މާބޮޑުތަން ލަސް ކަމަށެވެ. އަދި އެކަމުގާ ކުރަންޖެހޭ މަސައްކަތާ ފިލުވަންޖެހޭ އޮޅުން ބޮޑުކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅިުވީ ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެން ގޮސްފައިވަނީ، ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލައިފައިވާ މައްސަލަ ކަމަށާއި، މިހާތަނަށް ކޮމިޝަންގެ ފަރާތުން 200 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފައިވާކަމަށެވެ.

"ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގާ މާލީ މުޢާމަލާތްތައް ވަނީ އެނަލައިޒްކޮށްފަ. މިއަހަރުގެ މެދުތެރޭގާ ތަހްޤީގު އެއްކޮށް ނިންމާ ކޮމިޝަންގެ ހޯދުންތައް އަޅުގަނޑަށް ހުށަހަޅާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފަ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ދާދިފަހުން ޝަރުއީ ފުރަތަމަ މަރުހަލާ ނިމިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެ ކުށް ސާބިތުނުވި ފަރާތްތަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ޕީޖީ އޮފީހުން ފަށާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ޔާމީން ރަޝީދުގެ މައްސަލަ އޭރު ކޯޓުގާ އޮތުމުން ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު ނިމިފައިވާކަމަށާއި، އަދި އެ މައްސަލައިގެ ތަހުގީގު ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް ގެންދާކަމަށެވެ.