ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫއަށް ފުރާވަޑައިގެންފިއެވެ.
އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕޭނަށް ދެ ރައީސުން އެކުގައި ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް މީގެ ކުރިންވެސް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް އެ ފަހަރު ރައީސް ސޯލިހް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވީ ރައިސް ނަޝީދު އެކަންޏެވެ.
މި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ސަރުކާރުން އަންނަނީ އެ ދާއިރާގައި ބޮޑެތި މަޝްރޫއުތަކެއްވެސް ހިންގަމުންނެވެ.
ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެފަހުން ނައިބު ރައީސް ފައިސަލް ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވިއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ދާދިފަހުން އެ ދާއިރާ އަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އެ ދާއިރާގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
އެގޮތުން ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ ޕްރޮޖެކްޓު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ރަސްމީކޮށް ވަނީ ފަށާފަ އެވެ. އަދި ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. އެ މަސައްކަތް ވެސް ކުރަނީ އެމްޓީސީސީންނެވެ.
ސަރުކާރުން ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ހިންގަން ފަށާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ކޮމަންޑޫ ކައިރީގައި އޮންނަ ދިގުވެލިދޫގައި އެއާޕޯޓެއް އަޅުއްވަން ވައުދުވެވަޑައިގެންފަ އެވެ.