ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ވިސްނުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި، ސަރުކާރާއި އެޖެންޑާ-19 ގެ ދަށުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދަމުން އަންނަކަމަށް ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނި ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް ކޮމަންޑޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ވިދާޅުވީ ރިޔާސީ ބަޔާން އިއްވަމުން ދިޔައިރު ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު މަރުހޫން ހުސައިން ވަހީދު މަޖިލީހުގައި ނެތުމުން މަޖިލީހުން ފަޅުތަކެއް އިހުސާސް ކުރެވުނު ކަމަށެވެ. ހުސައިން ވަހީދަކީ ކޮމަންޑޫ ދާއިރާއަށް އަދި ދައުލަތަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ފަރާތެއްކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރީ ފިކުރެއް ކަމަށާއި، އެ ފިކުރާއި ވިސްނުން އަދިވެސް އެބައޮތްކަމަށެވެ. އެހެންކަމުން އެކަން ދަމަހައްޓަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
"ފަސް އަހަރަށް ތިބޭފުޅުން ވަކިގޮތެއް ނިންމަވައިގެން ތި ތިއްބެވީ. އެގޮތަކީ ސަރުކާރަށް ތާއީދުކޮށް ސަރުކާރުން ހިންގަން ނިންމާފަހުރި މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން ތިބޭފުޅުންގެ ބަސް އިއްވުން. އެކަން އެގޮތުގައި ބޭއްވުމަކީ މިދާއިރާގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ކަންތައްތައް އަވަސްވެ ފުރިހަމަވެގެންދާނެ ކަމެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ވިސްނުން ބަދަލުވާންޖެހޭ ސަބަބެއް ނެތްކަމަށާއި، އެ ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދަމުން އަންނަކަމަށެވެ.
"ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގެ ރައްޔިތުންގެ ވިސްނުން ބަދަލުވާންޖެހޭ އެއްވެސް ސަބަބެއް ނެތް. މިދާއިރާއަށް ސަރުކާރުންވީ ވައުދުތަކާ އެޖެންޑާ-19 ގެ ދަށުން ވެފައިވާ ވައުދުތައް މިދަނީ ފުރާފުރިހަމަވުމުން. ދާއިރާއަށް ބޭނުންވާ ކަންތައްތައް ތަރުތީބު ކުރަމުން މިގެންދަނީ ދާއިރާގެ ރައްޔިތުން ބޭނުންވާގޮތަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ތަރައްޤީ ކުރިއަށް ގެންދަނީ އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ތަރުތީބުން ކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ކޮމަންޑޫ ރައްޔިތުން މިއަދު ބޭނުންވީ ދެ ކޮމަންޑޫ ގުޅާލަން ކަމަށާއި، އެމަސައްކަތް އަވަހަށް ފެށީ އެސަބަބާ ހުރެކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރުން އެއްވެސް ދާއިރާއެއް އަދި އެއްވެސް ރައްޔިތަކު ބާކީ ކުރަން ބޭނުންނުވާކަމަށާއި، އަދި ކޮމަންޑޫ ދާއިރާވެސް ސަރުކާރާ އެކުއޮތުމަށް ބޭނުންވާކަމަށެވެ.