ކޮމަންޑޫ ދާއިރު އަދި ކޮމަންޑޫ ތަރައްޤީ ކުރުމުގެ ވިސްނުމެއް ޕީޕީއެމުން ނުގެންގުޅުއްވާ ކަމަށާއި، ޕީޕީއެމްގެ ވިސްނުމަކީ ހުރިހާ ރައްޔިތުން 25 ބުރީގެ އިމާރާތަކަށް ޖަމާކުރުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް ކޮމަންޑޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ މިއަދު އަނެއްކާވެސް މިއޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، މިސްރާބު ހިފާނީ ހަރާބުގެ މަގައްތޯ ނުވަތަ ސަލާމަތުގެ އައްސޭރިއަށްތޯ ނިންމުމުގެ ބާރު ރާއްޖޭގެ ރައްޔިތުންނަށް އަދި ކޮމަންޑޫގެ ރައްޔިތުންނަށްވެސް މިއަދު އެބައޮތްކަމަށެވެ.
"ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ވެރިކަމެއް، މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ހިމާޔަތްކޮށްދޭ ވެރިކަމެއް، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައިދޭ ވެރިކަމެއް، ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅި ލާމެހިފައިވާ ވެރިކަމެއް، އަދި ވަކިން ހާއްސަކޮށް ތަރައްގީގެ ތަސައްވުރަކާއެކު އޮތް ވެރިކަމެއް ދިވެހިރާއްޖޭގައި އޮތުމަށް ކޮމަންޑޫ ރައްޔިތުން މާބޮޑަށް އެދޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ނަޝިދު ވިދާޅުވީ، ޕީޕީއެމްގެ ވިސްނުންހުރީ ހުރިހާ ރައްޔިތުން ހިކިފަސް ބިމަކަށް، ހުޅުމާލޭގައި ހުރި 25 ބުރީގެ އިމާރާތަކަށް، ޖަމާކުރުން ކަމަށެވެ. އަދި ރަށްތައް ތަރައްގީ ކުރުމުގެ ވިސްނުމެއް ޕީޕީއެމުން ނުގެންގުޅޭކަމަށް ވިދާޅުވިއެވެ.
"ކޮމަންޑޫ ތަރައްގީ ކުރުމުގެ ވިސްނުމެއް ފިކުރެއް އެބޭފުޅުންގެ ނުހުންނާނެ. އެބޭފުޅުންގެ ވިސްނުމަކީ ޖަޒީރާ ދިވެހިރާއްޖެ އުވާލުން. އެބޭފުޅުންގެ ވިސްނުމަކީ ހުރިހާ ރައްޔިތުން އެއް ބަނދަރަކަށް ގެނައުން." ޕީޕީއެމްގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެންނާނީ އެމްޑީޕީންކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ފެނާ ނަރުދަމާ ނުލިބުމަކީ ރައީސް ސޯލިހް އަދި އެމްޑީޕީންވެސް ގަބޫލުކުރާނެ ކަމެއް ނޫންކަމަށާއި، މިއަދު ފެނާ ނަރުދަމާގެ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހިންގުމަށް ހަވާލުކުރެވިފައިވާކަމަށެވެ.
ކޮމަންޑޫ ދާއިރާ ހިމެނޭ ގޮތަށް ދަތުރުފަތުރުން ގުޅާލެވޭ ނިޒާމެއްގެ މަސައްކަތް ފެށިފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އާންމު ހާލަތަށް އެންމެ ބޮޑު ބަދަލެއް އަންނާނެ ކަމަކީ އެއީ ކަމަށެވެ. ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ރަށްތައް ގުޅިގެން ދިއުމަކީ ރައްޔިތުންނަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.