އަންނަ މާޗް މަހު ބާއްވާ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ހޮވުމަށް މިއަދު ބާއްވަން އުޅުނު ޕްރައިމަރީ އިންތިހާބް މައްސަލަ ދިމާވެގެން މެދުކަނޑާލާފައިވަނިކޮށް މަރަދޫ ދާއިރާގެ އިތުރުން ފޭދު އާއި ހިތަދޫ މެދު ދާއިރާގެ ވޯޓު ފޮށި އަންދާލައިފި އެވެ.
މަރަދޫން ވާހަކަ ދެއްކި މީހަކު ބުނީ 200 އަށް ވުރެ ގިނަ ވޯޓު އަޅާފައިވާ ވޯޓުފޮށި އަންދާލާފައި ވަނީ އެމްޑީޕީގެ އިންތިހާބާއި ބެހޭ ފަރާތުން އައްޑޫގެ އިލެކްޝަން ފޯކަލް ޕޮއިންޓަށް ގުޅައިގެންކަމަށެވެ.
ހަތަރު ކެންޑިޑޭޓަކު ވާދަކުރާ މަރަދޫ ދާއިރާގެ ވޯޓުލުން މެދުކަނޑާލީ މުޅި ރާއްޖޭގައި ކުރިއަށްދިޔަ ޕްރައިމަރީ ކެންސަލް ކުރުމަށް ޕާޓީން ނިންމުމާއި ގުޅިގެންނެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރާ އަދުހަމް ވިދާޅުވީ މަރަދޫ ދާއިރާ އާއި ފޭދޫ ދާއިރާގެ ވޯޓު ކަރުދާހާއި ލިސްޓް އަންދާލާފައިވާ ކަމަށެވެ. އެ ދާއިރާ އަށް ނުވަ ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަންދާލި އިރު އެ ފޮށްޓަށް 75 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓް ލައިފަ އެވެ.
މަރަދޫން ވާހަކ ދެއްކި މީހާ ބުނީ ވޯޓު ފޮށީގައި ހުރި ކަރުދާސް އަންދާލާފައިވަނީ ކެންޑިޑޭޓުންނާއި މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުމުގެ މައްސަލަ އާއި ހެދި ބައެއް ވޯޓުލާ މަރުކަޒު ސަރަހައްދުގައި އެއް ބަޔަކު އަނެއް ބަޔަކަށް ޒުވާބުކޮށް މައްސަލަ ވަނީ ހޫނުވެފަ އެވެ.
އަދުހަމް ވިދާޅުވީ އަލުން ޕްރައިމަރީ ބާއްވާނީ މާދަމާ ކަމަށެވެ. އެއީ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށެވެ.
އަދުހަމް ވިދާޅުވީ ޕްރައިމެރީގައި މައްސަލަ ޖެހި، ވޯޓް ކެންސަލް ކުރަން ޖެހުނީ ވޯޓް ފޮށި ހުރި ދާއިރާތަކުގައި ތިބި ފޯކަލް ޕޮއިންޓުންނާއި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ރާވައިގެން ހިންގި އަމަލުތަކެއްގެ ސަބަބަން ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
