Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ގާސިމް އިބްރާހިމް

ރާޑޯއަށް ވޯޓު ދިނުމަކީ ދުނިޔެވީ ވާޖިބެއް، އޭރުން ސަރުކާރަށް ބޭރު އެހީ ހޯދަން ފަސޭހަވާނެ: ގާސިމް

ގާސިމް އިބްރާހިމް - ފޮޓޯ: އެމްޑީޕީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދު (ރާޑޯ)އަށް ވޯޓު ދިނުމަކީ ދުނިޔެވީ ގޮތުން ރައްޔިތުންގެ މައްޗަށް ވާޖިބެއް ކަމަށް ޖުމްޙޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ގާސިމް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ރާޑޯއަށް ވޯޓު ދިނުމަކީ އެކި ގޮތުން ސަރުކާރަށާއި ރައްޔިތުންނަށް އެހީ ލިބިގެންދާނެ ކަމެއް ކަމަށެވެ. ގާސިމް ވިދާޅުވީ އެމްޑީޕީއަށް މި ގޮނޑި މުހިންމުވަނީ ހަމައެކަނި ކޮމަންޑޫ ދާއިރާގެ ތަރައްގީއަކަށް ނޫންކަމަށެވެ.

"ކެންޑިޑޭޓް ނަމްބަރު އެކަކަށް މި މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބުގައި މި މުހިންމުވަނީ ދިވެހި ދައުލަތުގެ ކުރިއެރުމަށާއި ދިވެހި ދައުލަތުގެ ރައްޔިތާއި ސަރުކާރުން މަދަދާއި އެހީ ހޯދުމުގައި އާއި އެނޫންވެސް ކިތަންމެ ސިފައެއްގައި އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެ ކަމަކަށްވާތީ ދުނިޔެވީ ގޮތުން ބަލާއިރު ވާޖިބެއް ކަަމެއް ނޫނީ ނުދެކެން. އެހެންވެ އަޅުގަނޑުވެސް އައިސް މިހުރީ،" ގާސިމް ވިދާޅުވި އެވެ.

މި ދާއިރާގެ އިންތިހާބުން މުޅި ރާއްޖެއަށް މުހިންމުވަނީ އެއިރެއްގެ އޮންނަ ސަރުކާރަށް ރައްޔިތުންގެ އެއްވަންތަކަމާއި އެއްބާރުުލުން ލިބިގެން ދިއުމަކީ ސަރުކާރަށް އެހީއާ ލޯނު ދިނުމުގައި ވަރަށް މުހިންމު ދައުރެއް ކުޅޭ ކަމެކެވެ. ގާސިމް ވިދާޅުވީ އެމްޑީޕީގެ 64 ހަތަރު މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީވެސް ބަދަލު ކުރެވިދާނެ ކަމަށާއި މި އުޅެނީ މެންބަރުން މަދުވެގެން ނޫން ކަމަށެވެ.

"މި ދިވެހި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށާއި މި ދާއިރާގެ ކުރިއެރުމަށް އަޅުގަނޑުމެންގެ އަހައްމިއްޔަތު ދޭން ބޭނުންވާތީ އެ މުސްތަގުބަލު އާރާސްތުކުރުމަށްޓަކައި އެކަން މުސްތަގުބަލުގައި ފަހިކުރުމަށްޓަކައި ކުރެވޭ ކަންތައްތަކުގެ ތެރެއިން މިކަންތައްތައް ހިމެނިގެން މިދަނީ. މި ވޯޓް މުހިންމު ވަނީ މި ދެންނެވި ސަބަބާ ހެދި،" ގާސިމް ވިދާޅުވި އެވެ.

އަދި ރައީސުލް ޖުމްހޫރިއްޔާ އާއި އެމްޑީޕީގެ މޫނުމަތީ ޖެހުމުން ކޮމަންޑޫ ދާއިރާގެ ތަރައްގީއަށްވާނެ ގޮތް ވިސްނުމަށް ވެސް ތަކުރާރުކޮށް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.

އެންމެގެ އަމާންކަމާއި ސަލާމަތައްޓަކައިވެސް ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓް ހޮވަން ޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.