Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެޖޯރިޓީ ބޮޑުތަނުން ގެއްލިއްޖެ: ޖަމީލު

ޑރ. މުހައްމަދު ޖަމީލް އަހުމަދު-- ފޮޓޯ: އަވަސް

ށ.ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެޖޯރިޓީ ބޮޑުތަނުން ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބު ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ. މި އިންތިހާބުގައި ރާޝިދާއި ވާދަކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ.

ޖަމީލު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޅި ދައުލަތާއި، ކޯލިޝަން އެކުގައި ނިކުމެ ހުރިހާ ނުފޫޒެއް ފޯރުވުމުން ވެސް ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ވޯޓުގެ މެޖޯރިޓީ ބޮޑުތަނުން ގެއްލި ހަނިވެފައިވާ ކަމަށެވެ.

"އެހެންވީމަ 2023 ޕީޕީއެމް ކާމިޔާބު ކުރާނެކަން ޔަގީން. ޕީޕީއެމްގެ މަސައްކަތަށް ތަޢުރީފު ޙައްގު" ޖަމީލު ވިދާޅުވި އެވެ.

ރާޝިދު އިންތިހާބުން ހޯދި ކާމިޔާބީއަށް އެކި ފަރާތްތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ. ނަމަވެސް އަދި އިންތިހާބުގެ ވާދަކުރި އެހެން ދެ ކެންޑިޑޭޓުން އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކުރިކަމެއް ހާމަކޮށްފައެއްނުވެ އެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރުމާ ގުޅިގެން އެ ދާއިރާގެ ރަށްތަކުގައި އާއި މާލޭގައި އެމްޑީޕީން އުފާ ފާޅުކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވީ 13 ޑިސެމްބަރ 2021 ވަނަ ދުވަހުގެ ރެ އެވެ. ހުސެއިން ވަހީދު އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު މެމްބަރު ވަހީދުގެ އުމުރުފުޅަކީ 53 އަހަރެވެ. ހުސެއިން ވަހީދު 2019 ވަނަ އަހަރު އެ ގޮނޑިއަށް އިންތިހާބުވީ އެ ދާއިރާގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.