ޕީޕީއެމް އަކީ ފިތުނަ ފަސާދަ އުފައްދާ ހަރުކަށި ފިކުރުގެ ކުޑަ ޖަމާއަތެއްކަމަށް، ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ، މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރާޓްސް (އެމްޓީޑީ)އިން ބުނެފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޕީޕީއެމްއަށް ކޮމަންޑޫ ދާއިރާއިން ބަލިވުމުން ރަމްޒުކޮށްދެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަންކަމަށެވެ.
"ޕީޕީއެމް 2015 ގެ ފަހުން ހުރިހާ އިންތިހާބަކުން ވީބަލި! ޕީޕީއެމް އަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއް! ރިފޯމް ޕީޕީއެމް." އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
ޕީޕީއެމްއަށް ކޮމަންޑޫ ދާއިރާއިން ބަލިވުމުން ރަމްޒުކޮށްދެނީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން! ޕީޕީއެމް 2015 ގެ ފަހުން ހުރިހާ އިންތިހާބަކުން ވީބަލި! ޕީޕީއެމް އަކީ މިހާރު ފިތުނަ ފަސާދަ އުފައްދަމުން އަންނަ ހަރުކަށި ފިކުރުގެ ކުޑަ ޖަމާޢަތެއް! ރިފޯމް ޕީޕީއެމް!
— Maldives Third-Way Democrats (@MTDSecretariat) February 5, 2022
ވަގުތީ ނަތީޖާތައް ދައްކާގޮތުން ކޮމަންޑޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދެވެ.
މި އިންތިހާބުގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި އެއް ފޮށި މީގެއިތުރުން މާލޭގައި 2 ފޮށި ބަހައްޓާފައިވެއެވެ. މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގައެވެ.