އަންނަ މާޗްމަހު ބާއްވާ މަޖިލިސް އިންތިހާބްގެ އެމްޑީޕީ ޓިކެޓަށް ވާދަކުރާ ކެންޑެިޑޭޓުންގެ މެދުގައި މިއަދު މެންދުރު ފެށި ޕްރައިމަރީގައި މައްސަލަ ޖެހި ބައެއް ސަރަހައްދުގެ ވޯޓު މާދަމާ ހަވީރަށް ފަސް ކުރި ނަމަވެސް އައްޑޫގެ ތިން ދާއިރާ އެއްގެ ވޯޓުލުން މިރޭ ކުރިއަށް ގެންދަން އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ މިރޭ ވޯޓުލުން ކުރިއަށް ގެންދަނީ ހިތަދޫ އުތުރު ދާއިރާ އާއި މީދޫ/މަރަދޫ ފޭދޫ ދާއިރާގެ އިތުރުން ހުޅުދޫ ދާއިރާގަ އެވެ.
ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ އެމްޑީޕީން ބުނި ނަމަވެސް ހުޅުދޫ ދާއިރާގެ ވޯޓުލުން ކުރިއަށް ނުގެންދާކަމަށެވެ. އޭނާ ބުނީ ވޯޓުލުން ކުރިއަށް ނުގެންދެވެނީ ވޯޓު ލިސްޓް ރަނގަޅުކޮށްގެން އެދާއިރާއަށް ލިބިފައި ނުވާތީ ކަމަށެވެ.
މިއަދު މެންދުރު ފަހު 2:30 ގައި ފެށި ވޯޓުލުން މައްސަލަ ޖެހި ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ވަނީ ހަވީރު ވޯޓުލުން މެދުކަނޑާލާފަ އެވެ.
މަރަދޫ ފޭދޫ / މީދޫ ދާއިރާގެ ވޯޓު ފޮށީގެ ތެރެއިން މަރަދޫފޭދޫ ގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް 200އަށް ވުރެ ގިނަ ވޯޓު ލާފައިވާ އިރު މީދޫ ވޯޓު ފޮށްޓަށް މިހާތަނަށް 322 މީހަކު ވޯޓު އަޅާފައިވާކަމަށް އެދާއިރާގައި ހުރި އެމްޑީޕީގެ އިލެކްޝަން އޮފިޝަލަކު ބުންޏެވެ.
ހިތަދޫ އުތުރު ދާއިރާގެ ވޯޓުލުން ކުރިއަށްދާއިރު މިހާތަނަށް 600 އަށް ވުރެ ގިނަ ވޯޓުވަނީ އެދާއިރާ ވޯޓު ފޮށްޓަށް އަޅާފައެވެ.
އެމްޑީޕީން ވަނީ މިރޭ 12:30 ވަންދެން ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުގެ މައްސަލަ ކުރިމަތިވެފައިވާ އިރު ތިން ދާއިރާއެއްގެ ވޯޓު ކަރުދާހާއި ލިސްޓް ވަނީ އަންދާލާފައެވެ. އެއީ މަރަދޫ ދާއިރާ އާއި، ހިތަދޫޠދެކުނު ދާއިރާގެ އިތުރުން ފޭދޫ ދާއިރާއެވެ.
ހުޅުދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާގެ ވޯޓުލުން އެއްވެސް ފަހަރެއްގައި ވަނީ ބޭއްވޭ ގޮތް ނުވެފައެވެ.
އެމްޑީޕީން މިރޭ ބުނީ ބާކީ ދާއިރާތަކުގެ ޕްރައިމަރީ މާދަމާ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11 ޖަހަންދެން ކުރިއަށް ގެންދާނެކަމަށެވެ.