Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

ތަރާވީހު ނަމާދުކުރާނެ ހާފިޒުން ހޯދަނީ

ކުރިއަށް ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފުޒްކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ހާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖެ އާއި ރާއްޖޭން ބޭރުން ހާފިޒުން ހަމަޖައްސަން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭން ބޭރުން ހާފިޒުން ގެންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމަށް އެދޭ ފޯމް ކައުންސިލްތަކުން ލިބޭނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއިން ބޭރުން ގެންނަ ހާފިޒުންނަށް ނަމާދު ކުރާ ކޮންމެ ރެޔަކަށް 200ރ. ގެ މަގުން ފައިސާގެ އެލަވަންސެއް ދެވޭނެ އެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭން ބޭރުގެ ގައުމުތަކުގެ މީހުންނަށް ހިފުޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ ދޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ އަދި އެފަދަ ދާއިރާއަކާ ގުޅޭ މުއައްސަސާއެއް، މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރާ އަދި ހާފިޒުކަމުގެ ސަނަދު އޮންނަ މީހުންނަށެވެ.

ތަރާވީހު ނަމާދުކުރަން ހޯދާ ރާއްޖޭގެ ހާފިޒުންނަށް ރެއަކަށް 500ރ. ގެ އެލަވަންސެއް ދޭން ނިންމާފައިވާ އިރު، މިނިސްޓްރީން ބުނި ގޮތުގައި ފައިސާ ދެވޭނީ ގިނަވެގެން މިސްކިތަކަށް ދިވެހި ދެ ހާފިޒުންނަށެވެ.