Last Updated: May 11, 21:25
Saturday, May 11, 2024
ޚަބަރު

އެމްޑީޕީ އަށް މޮޅެއް، ބިރު ދެއްކި މައްސަލަ ހިންދާލަންވީތަ؟

ރާޑޯއަށް ވޯޓު ދިނުމަށް އަންގައި އިންޒާރުދިން ޒާހިރު

އިއްޔެ ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން ކުޑަތަންވެފައިވަނިކޮށް ފެންމަތި މައްސަލައެއް އޮތެވެ. އެއީ އެ އިންތިހާބުގައި ވޯޓުލުމަށްޓަކައި އެ ދާއިރާގެ ރަށެއްގައި މަސައްކަތްކުރާ ފެނަކައިގެ މުވައްޒަފަށް ބިރުދައްކާ ފެނަކައިގައި މަސައްކަތްކުރާ ބޮޑުންގެ މީހެއްގެ އޯޑިއޯއެވެ.

ފެނަކަ ކުންފުނީގެ އޮޕަރޭޝަން ހެޑް ޒާހިރު އުސްމާން ވާހަކަ ދައްކަނީ މުވައްޒަފަކާ ކަން ނޭނގުނަސް އެއީ ޒާހިރުގެ އަޑުކަން އިތުބާރު ހުރި ފަރާތަކުން ކަށަވަރުކޮށްދެ އެވެ. އޭނާގެ ވާހަކަތަކުގައި އިވެނީ މިނިވަންކަމާއެކު އެމީހަކު ބޭނުން މީހަކަށް ވޯޓު ލުމުގެ ހައްގު މުވައްޒަފުން ނެތްކަން އަންގާ އަޑެވެ. އަދި ރައްޔިތުން ތަމްސީލްކުރާ ދާއިރާގެ މެމްބަރު ހޮވާ އެ އިންތިހާބުގައި ދޭ ވޯޓަކީ ވަކި މީހަކަށް ދޭ ވޯޓެއް ނޫން ކަމަށާއި އެއީ ފެނަކަގެ އެމްޑީއަށް ދޭ ވޯޓެއް ކަމަށް ބުނެ އެނޫން ގޮތެއް ނޯންނާނެކަން ފެނަކަގެ އިސް މަގާމެއްގައި ހުރި އެމީހާ މުވައްޒަފަށް އަންގާ އަޑު މި އޯޑިއޯއިން އިވެ އެވެ.

ލީކްވެފައިވާ އެ އޯޑިއޯގައި ޒާހިރު އެއްކަމަކަށް އެދެނީ ކޮމަންޑޫ ދާއިރާއަށް އޭރު ކުރިމަތިލާފައި ހުރި މުހައްމަދު ރާޝިދުއަށް ވޯޓު ދިނުމަށެވެ. ރާޝިދަށް ވޯޓު ދިނުމަށް އެދި އޭނާ އެއްވާހަކައަކަށް ބުނީ ވަޒީފާއިން ކެނޑުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް ބަސްއަހާ ކުއްޖާއަަށް ކަންކަން ވާހެން ބަސް ނާހާ ކުދިންނަށް ކަންން ނުވާނެ" ކަމަށެވެ. އަދި ވޯޓު ހޯދަނީ ތިލަފަތައް ކަމަށާއި އެއީ ފެނަކަ ކުންފުނީގެ އެމްޑީއަށްދޭ ވޯޓެއް ކަމަށްވެސްބުނެ އެވެ.

"އަހަރެމެން ބުނާ ބަސް ނާހާ މީހުނަށް ނޯންނާނެ އެހީތެރިކަމެއް. ރާޑޯއަކަށްނޫން ވޯޓު މި ހޯދަނީ. ތިލަފަތައް ވޯޓު މިދެނީ،" ޒާހިރު ބުންޏެވެ.

އަދި އެ ވަޒީފާގައި ހުރެ ރާޑޯއަށް ވޯޓު ނުދީ އެހެން މީހަކަށް ވޯޓު ނުދީފި ނަމަ އެ ދެކޮޅު ވެވެނީ ކުންފުނީގެ އެމްޑީއާ ކަމަށްވެސް އެނާ ބުނެ އެވެ.

"ކަނޑައެޅިގެން މިތާ ހުރެ ރާޑޯ އާ ދެކޮޅުވީމަ އެމްޑީއާ އެ ދެކޮޅުވެވެނީ އިނގޭ. އެހެންވީމަ އަހަރަމެނަށް އެ ދުވަހު އެހީތެރިކަމެއް ނުދެވޭނެ. ވަރަށް ސާފުބަހުން ބުނަންވީ ތިމަންނަ ތިކަމެއް ނުކުރާނަމޭ. އެ ނިމުނީ. އެހެންވީމަ އެހެން އަހާލަން ބޭނުންވަނީ،" ޒާހިރު އެ މުވައްޒަފާ ސުވާލު ކުރަމުން ބުނެ އެވެ.

ރާޑޯއާ ދެކޮޅަށް ވޯޓު ދޭން ހުރިތޯ ސާފުކުރުމަށް އެ މުވައްޒަފާ ސުވާލުކުރުމުން އޭނާގެ ވޯޓު ރާޑޯއަށް ނުދޭނެކަމަށް ސާފުކޮށް ބުނާ އަޑު މި އޯޑިއޯއިން އިވެ އެވެ. އެހެން ނަމަވެސް ކުންފުނީގެ އެމްޑީއަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އޭނާ ދޭނެ ކަމަށްބުނެ އެވެ. އަދި ރާޑީ ކަޑުވާލެވެން އޮތް ގޮތަކަށް މަސައްކަތްކުރާނަން" ކަމަށް އެ މުވައްޒަފު ޒާހިރަށް ދިން ޖަވާބުގައިބުނެ އެވެ.

މުވައްޒަފުގެ އެ ޖަވާބާއެކު ޒާހިރު އެދެނީ އެހެންވިއްޔާ އައިޑީކާޑު އެމީހުންނާ ހަވާލުކޮށްފައި ވޯޓުލާން ނުގޮސް ހުރުމަށެވެ.

"އެމްޑީއަށް ފުރިހަމަ އެއްބާރުލުން ދިން ކަމަށްވާނީ އައިޑީކާޑު ދީފައި ވޯޓުލާން ނުދިއުން. އަހަރެމެންވެސް މި ބުނާ އެއްޗަކީ މިތަނުން މި ދައްކާ ވާހަކަ ގަބޫލު ނުކުރާ މީހުނަކަށް އަހަރަމެނަކަށްވެސް ނުބެލޭނެ. ވަރަށް ސާފުކޮށް މި ބުނީ،"

ތަކުރާރުކޮށް ޒާހިރު އަންގަމުން ދިޔައީ އެ ވޯޓު އެމްޑީޕީގެ ކެންޑިޑޭޓާ ދެކޮޅަށް ދީދި ނަމަ ދެން އެމީހަކާމެދު އެ ކުންފުނިން ތަފާތުކުރާނެ ވާހަކަ އެވެ. ޒާހިރު ބުނާ ގޮތުން އޭނާ އެ ހުރި މަގާމުގެ ގޮތުން އޭނާ ބޭނުން ނުވާ މީހަކު ވަޒީފާއަކު ނުހުރެވޭނެ އެވެ. އެއާ ވިއްދާފައި ދެން ޒާހިރު ތަކުރާރުކޮށް ބުނީ ރާޑޯއަށް ވޯޓު ނުދިނުމަކީ ކުންފުނީގެ އެމްޑީއަށް އެއްބާރުލުން ނުދިނުން ކަމަށާއި އެމްޑީއަށް އެއްބާރުލުން ނުދޭ މީހަކަށް ކުންފުނީގެ ވަޒީފާގައި ނުހުރެވޭނެ އެވެ.

"އެމްޑީއަށް އެއްބާރުލުން ދޭ ކަަމަށް ގަބޫލުކުރާނީ، މައްސަލައެއް ނެތް ރާޑޯއަށް ވޯޓު ނޭޅިއަސް. ވޯޓުލާން ނުދިޔައީމަ އެ ނިމުނީ. އެ އޮތީ އެމްޑީއަށް އެއްބާރުލުން ދެވިފައި،" އޭނާ ބުނެ އެވެ.

އެ ހުރިހާ ވާހަކަތަަކަށްފަހު ދެން ޒާހިރު އެ މުވައްޒަފަށް އަންގަނީ އެ ވާހަކަތައް ބޭރު ތެރޭގައި އޮފީހުން ކަނޑާލާނެ ކަމުގެ އިންޒާރެވެ.

"ދެން މިތާ އެތެރޭ މި ދައްކާ ވާހަކަ ބޭރުތެރޭގައި ދައްކައިފިއްޔާ މާދަމާ ވޯޓުލާން ދުވަސް އަންނައިރު ކަނޑާ ވައްޓާލާނަން. ހަމަ ސީދާ މި ބުނީ ބޭރު، މަ މި ދައްކާ ވާހަކަ ބޭރު ތެރޭ ދައްކާ ލީކްކޮށްފިއްޔާ. އެއީ އެމީހެއްގެ ނުރުހުމަކު ނޫން މި ވާހަކަ ދައްކަނީ،" ޒާހިރު އެ މުވައްޒަފަށް އިންޒާރު ދެމުން ބުނެ އެވެ.

ޕީޕީއެމް މި އިންތިހާބުގެ ތެރޭގައި އެންމެ ބޮޑަށް ކުރި ތުހްމަތަކީ ވެސް ނުފޫޒު ބޭނުން ކޮށްގެން މުވައްޒަފުންނަށް ބިރު ދައްކައިގެން ވޯޓު ހޯދުމެވެ. ލީކްވެފައިވާ އޯޑިއޯ މުޅި ސޯޝަލް މީޑީޔާގައި އެނބުރެމުންދާއިރު ފެނަކައިން އަދި އެއްވެސް އެއްޗެއްް ނުބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގައި ރަށްރަަށް ވަޑައިގެން އެންމެ ގިނައިން ތަކުރާރުކުރެއްވި ވައުދަކީ ބިރެއް ނެތި ކޮންމެ ސިޔާސީ ފިކުރެއްގެ މީހަކަށް ވެސް ވަޒީފާ އަދާކުރެވޭނެ ކަމުގެ ވައުދެވެ.