ރާއްޖޭގެ ސިޔާސީ ވެރިޔަކު ޕޯޑިއަމަކަށް އަރުއްވައިފި ނަމަ އެންމެ އާންމުކޮށް ދައްކަވާނެ އެއް ވާހަކަ އަކީ އައްޑޫގެ ތަރައްގީގެ ވާހަކަ އެވެ. އައްޑޫ ތަރައްގީ ނުވެ ރާއްޖެ މުޅި ރާއްޖެ ވެސް ތަރައްގީނުވާނެ ވާހަކަ އެވެ. މި ވާހަކަ އިވިއިވި ގައިމު ވެސް އެ ވާހަކަ އަށް އާދަވި މީހުން މިހާރު މަދެއް ނުވާނެ އެވެ.
އެކަމަކު އެ ބުނާ އައްޑޫގެ ތަރައްގީ ކޮބައި ހެއްޔެވެ؟ އެ ބުނާ ތަރައްގީއެއް ވެސް އެއްވެސް ސަރުކާރެއްގައި އައްޑު އަށް ގެނެސްދެވިއްޖެ ހެއްޔެވެ؟ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ކުރިއެރުންތަކެއް ލިބިއްޖެ ހެއްޔެވެ؟ ވަޒީފާތައް ފަދަ އަސާސީ ކަންކަން އައްޑޫން ފުދޭ ހެއްޔެވެ؟ އެ ސުވާލުތަކަށް ލިބޭ ޖަވާބަކީ ނޫނެކޭ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްވި ރިޔާސީ ބަޔާނުގައި ވެސް ހަމަ އައްޑޫ ތަރައްގީކުރައްވާ ވާހަކަ ވިދާޅުވި އެވެ. އެ ދުވަހު ދެއްކެވި މި މޭރުމުން އެ މަނިކުފާނު ހަމަ 2018 ގެ ރިޔާސީ ބަޔާނާއި އޭގެ ފަހުން ދެއްވި ވަރަށް ގިނަ ސްޕީޗްތަކުގައި ވެސް އައްޑޫގެ ތަރައްގީގެ ތަކުރާރުކުރައްވާފައިވެ އެވެ.
އައްޑޫގެ ހާލަތު އޮތް ގޮތަށް ބަލާ އިރު، ހަގީގަތަކީ ސިޔާސީ ވެރިން އެ ދައްކަވާ ތަރައްގީގެ އެ ހުވަފެނުގައި ހަގީގީ ކުލަ ޖެހޭ ތަނެއް އައްޑޫ ރައްޔިތުންނަށް ނުފެންނަ ކަމެވެ. މީގައި ވަކި ސަރުކާރަކަށް އިނގިލި ދިއްކުރުމުގެ މާނައެއް ނެތެވެ. ހަގީގަތަކީ ސިޔާސީ ބޭފުޅުން އައްޑޫގެ ތަރައްގީގެ ވާހަކަ ދައްކަވަނީ ސިޔާސީ ބޭނުމެއްގައި ކަމެވެ. ބޮޑު އާބާދީއެއް އޮތް ތަނަކަށްވުމުން ކޮންމެ އިންތިހާބަކާ ދިމާކޮށް އެ ވާހަކަ ދައްކަވަން މަޖުބޫރުވަނީ އެވެ.
އަންނަ އަހަރަކީ އަނެއްކާ ވެސް ރިޔާސީ އިންތިހާބަކަށް ދާން އޮތް އަހަރެކެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި "އައްޑޫ ތަރައްގީ" ގެ ވާހަކައިގެ އަޑު މާ ގަދަވެފައި، މާ ބާރު ވާނެ އެވެ. ވޯޓް ހޯދަން ރައްޔިތުންގެ ގާތަށް އަންނަން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި ކަން ހިނގާ ގޮތަކީ މިއީ އެވެ. އަދި ސިޔާސީ ބޭފުޅުން ދައްކަވާ "އުންމީދީ ވާހަކަތަކުގެ" ސަބަބުން އައްޑޫ މީހުން ވަރަށް އަވަހަށް ހެއްލޭ ކަމަށް ބުނާ މީހުން ވެސް މި ރާއްޖޭގައި މަދެއް ނުވާނެ އެވެ. އަދި އެކަމާ ގުޅުވާފައި އައްޑޫ މީހުންނަށް "ހަޖޫޖަހާ" މީހުން ވެސް ވަރަށް ގިނަ އެވެ. ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުން މިކަން އެނގޭނެ އެވެ.
އައްޑޫގެ ތަރައްގީކުރެވުނު ކަމަކަށް ވާނީ ކީއް ކޮށްގެން ހެއްޔެވެ؟ މި ތަނުގައި ބޮޑު އެއާޕޯޓެއް، ބޮޑު ސަރަހައްދީ ބަނދަރެއް އަދި ކޮންމެ އަވަށެއްގައި ވަކި ބަނދަރެއް އެބައޮތެވެ. އަވަށްތަކުގެ ބައެއް މަގުތައް އޮތީ ރަނގަޅު ފެންވަރަކަށް ހަދައިފަ އެވެ. ފެނާއި ނަރުދަމާ އަޅައިފި އެވެ. މަގުތައް ހެދުމާއި ބިން ހިއްކުމާއި ގޭދޮށު މަސް ފެކްޓްރީ އާއި މިހެން ގޮސް މިހާރު އެތައް ކަމެއް "ބާރަށް ކުރިއަށް ދަނީ" އެވެ. އެއާޕޯޓްގައި "ނަމަކަށް" އިންޓަނޭޝަނަލް އަޅުވާފައި އޮންނާތީ އެތަން "ހަގީގީ" އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށް، މި ސަރަހައްދުގެ ވެސް ދަތުރުފަތުގެ ހަބަކަށް ހަދަން ޕްލޭނުގައި އެބައޮތެވެ.
އައްޑޫގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ މަޝްރޫއުތައް ކުރިއަށް ދަނީ މި ވެރިކަމުގައި
މިހާރު ވެސް ތިން ރިސޯޓާއި ޓޫރިޒަމާ ގުޅުން ހުރި އެތައް ފެސިލިޓީއަކާއި ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން އިތުރު ތަންތަން ތަރައްގީކުރަން އޮތީ އެވެ. މި ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މި ދައުރު ނިމޭ އިރު، ލޯކަލް ޓޫރިޒަމާ އެކު އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އެނދަށް އިތުރުކުރެވޭނެ އެވެ. އެކަމަކު ދައުރު ނިމެން ދޮޅު އަހަރަށް ގާތްވީ އިރު ވެސް، އެ މަޝްރޫއުގެ ތެރެއިން ހަގީގަތަކަށްވީ ކަމެއް އަދިއެއް ފެންނާކަށް ނެތެވެ.
އެކަމަކު މި ސަރުކާރާއި މިހާރު އޮތް އައްޑޫ ސިޓީ ކައުންސިލުން ވެސް ތަކުރާރުކޮށް ބުނާ ވާހަކަ އަކީ މިއެވެ؛ އައްޑޫގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ މަޝްރޫއުތައް ކުރިއަށް ދަނީ މި ވެރިކަމުގަ އެވެ. ފޭދޫގައި މިދިޔަ ހަފުތާގައި ބޭއްވި އިވެންޓެއްގައި މޭޔަރު އަލީ ނިޒާރު ސިފަކުރެއްވި ގޮތުން ނަމަ އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް ގިނަކަމުން އޭގެ ލިސްޓެއް ހަދައިގެން ނޫނީ މިހާރު ޕޯޑިއަމަކަށް އަރައިގެން އެ ލިސްޓް ހަނދާނަކު ވެސް ނުބެހެއްޓޭނެ އެވެ.
ދެން އޮތީ މިހާރު އައްޑޫގެ ތަރައްގީއާ ގުޅުވައިގެން ހުޅުމީދު އާއި ހިތަދުއާ ދޭތެރޭ ބްރިޖެއް އަޅާ ވާހަކަ އެވެ. މި ވާހަކަ އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން ވެސް ވަރަށް ސީރިއަސްކޮށް ނަގަ އެވެ. އެހެންވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާނެ އެންމެ ބޮޑު އެއް ވައުދަކީ އަދި ދައްކާނެ އެންމެ ބޮޑު އެއް ދަޅައަކަށް ވާނީ އެ ބްރިޖްގެ ދަޅަ އެވެ. މިހެން ގޮސް ލިސްޓް ކިޔަންވެއްޖެ ނަމަ މޭޔަރު ވިދާޅުވި ގޮތަށް ލިސްޓް ދިގުކަމުން އެ ކިޔުމަކީ ކުޅަދާނަވާ ވަރުގެ ކަމަކަށް ނުވާނެ އެވެ. މިއީ ހައްތަހާ ވެސް އައްޑޫގެ ތަރައްގީއާ ގުޅިފައި ހުރި ވާހަކަތަކެވެ.
އެހެންވެ ކުރިއަށް އޮތީ އެ "ގޮވެލިފަތީ" އަޑާއި އައްޑޫގެ ތަރައްގީ އަށް ކުރާނެ ކަންކަމުގެ ވާހަކައިގެ ފޯރި ގަދަވާނެ ދުވަސްތަކެވެ. ތަފާތަކީ އެ އަޑުތަކުން ހަމަ ހަގީގަތުގައި ވެސް އައްޑޫ ރައްޔިތުންގެ އުންމީދު އާވޭ ހެއްޔެވެ؟