Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ފަނޑިޔާރުންނަށް ޗުއްޓީ ލިބޭ އިސްލާހުގެ ބަހުސް ފަށައިފި

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

ޤާނޫނު ނަންބަރު 13/2010، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްޤު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށވެެ. އަދި ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށެވެ.

ވިހެއުމުން ކޮންމެ މަޔަކަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެގޮތުން ވިހެއުމާއި ގުޅިގެން ލިބިދެވޭ ޗުއްޓީގައި ކޮންމެ މަޔަކަށް މުސާރައާއެކު ހަ މަސް ދުވަސް ލިބޭއިރު ކޮންމެ ބައްޕައަކަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

ސަރުކާރު މުވައްޒަފުންނަށް ވެސް ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން ނިންމުމާ އެކު، ސަރުކާރުގެ ގިނަ މުއައްސަސާތަކާއި ކުންފުނިތަކުން ވެސް ވަނީ އެގޮތަށް ޗުއްޓީ ދޭން ހަމަޖައްސައިފައެވެ. މީގެއިތުރުން އަމިއްލަ ބައެއް ފަރާތްތަކުން ވެސް މިހާރު ވަނީ އެ އުސޫލަށް އަމަލުކުރަން ފަށާފައެވެ.