Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު ސިޔާސީ

ޔާމީން ޖަލަށް ނުލާނަމަ، އެމްޑީޕީއަށް ވޯޓު ދޭންވީ ސަބަބެއް ނެތް: އާޒިމް

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށްފައި ބެހެއްޓުމަކީ ރައްޔިތުން އެދޭނެގޮތެއް ނޫންކަމަށް، ޔާމީން އަނބުރާ ޖަލަށް ނުލެވޭނަމަ އެމްޑީޕީއަށް އިތުބާރުކޮށް ރައްޔިތުން ވޯޓު ދޭންވީ ސަބަބެއް ނެތްކަމަށް ހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ނިމުނު އިންތިހާބުން އެނގިގެންދިޔަ ކަމަކީ، "ނުލަފާ ނުބައި ޖައްބާރު ވަގުން ދޫކޮށްލައިގެން" ރަށްރަށަށް އަރާ ދޭދޭ ގައުމުތަކާ ދޭތެރެ ޖައްސަމުން ދިއުމުގެ ފުރުސަތު ނުދިމަށް ރައްޔިތުން އެދެމުން އަންނަކަންކަމަށެވެ.

ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރުމަށް އިއްވި ހުކުމް އާޒިމް ސިފަކުރެއްވީ "ވަރަށް އަޖައިބުވާކަހަލަ" ހުކުމެއްގެ ގޮތުގައެވެ. އެގޮތުން ހައްޤުނޫން ފައިސާތަކެއް ޔާމީންގެ އެކައުންޓުގައި ހުރިކަން ފަނޑިޔާރުން އިއްވި ހުކުމަށް ބެލުމުން އެނގޭކަމަށް އާޒިމް ވިދާޅުވިއެވެ.

"މިއީ ފެންނަން ހުރި އެއްޗެއް. އެކައުންޓުގައި 100 މިލިއަނަށްވުރެއް ގިނަ ރުފިޔާ އެބަހުރި. އެހެރަ ފެންނަނީ ބޮޑު ޓަވަރެއް، 4000 އަކަފޫޓުގެ 25 ބުރީގެ ޓަވަރެއް މައްޗަަށް އަރަމުންދަނީ ބޭންކް ލޯނެއް ނުނަގާ. ރައްޔިތުން ތިބީ ހާލުގައި. އެފަދަ ކަންކަން ވެގެން ދާއިރުގައި ބޮޑެތި ކޯޓުތަކުން ކަންކަން ނިންމާއިރުގައި ބަލާލަން އެބަޖެހޭ، މިއީ ހަމަ ހަގީގަތުގައިވެސް ދައުލަތުގެ ފައިސާ، އަޅުގަނޑުމެން އިންތިހާއަށް އަޖައިބުވާވަރަށް ނަގާ، އެކައުންޓަށް ލާފައިހުރި މީހަކު ހަމަ މާލެ ތެރެއަަށް ދޫކޮށްލައިގެން ދޭދޭ ގައުމާ ދޭތެރޭ ޖައްސަމުން، އޭނަ ބޭނުން ރަށަކަށް އަރަމުން ދާން ފުރުސަތު ދޭންވީތޯ؟" އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ ޔާމީން މިނިވަންކޮށްފައި ބެހެއްޓުމަކީ އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫންކަމަށެވެ. އަދި ރައްޔިތުން ބުނަނީ އެފަދަ މީހުން މިނިވަން ކުރާނަމަ އެކަން ހުއްޓުވަން ޖެހޭނެކަމަށެވެ.

ކޮންމެ ބަދަލެއް ގެނެސްގެންވިޔަސް ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށްފައިތިބި މީހުން ޖަލަށްލާ ހައްޤު އަދަބު ދޭންޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ.

"[ހައްގު އަދަބު] ނުދޭކަމަށް ވަނީވިއްޔާ، ރައްޔިތުން އަޅުގަނޑުމެން އެމްޑީޕީއަށް އިތުބާރުކޮށް ވޯޓުދޭންވީ އެއްވެސް ސަބަބެއް ނެތް." އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ހުރިހާ އިންތިހާބެއް ދީފައިވާކަމަށާއި، އެކަމުން އެމްޑީޕީއާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން ހާމަވާކަމަށެވެ. އެހެންކަމުން އެމްޑީޕީން ރައްޔިތުންނަށް ތާހިރު ގައުމެއް ބިނާކޮށް ދައްކަން ޖެހޭކަމަށެވެ.